

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިހާ ތަނަށް ރާއްޖެ ދުށް އެންމެ ދޯހަޅި ވެރިކަމެއް ކުރި، އެންމެ ދޯދިޔާ ރައީސްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގިނަ ވެރިކަންތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބުނު ކަމަށާ އެގޮތުން ރައީސް މައުމޫނު އަބްދުލްގައްޔާުމުގެ ވެރިކަމުން ފެށިގެން ހުރިހާ ވެރިކަމެއް ތަޖުރިބާ ކުރެއްވުނުއިރު ރައީސް މުއިއްޒުއަށް ވުރެ ދޯހަޅިކޮށް ވެރިކަން ކުރެއްވި ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ގާނޫނުގެ ހަވާސާއިން ބޭރުން ކަންތައްތަކެއް ކުރެއްވި ކަމަށާ ނަމަވެސް ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަން އެ ސަރުކާރުން ސީދާ މަސައްކަތެއް ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެއާ ދިމާ އިދިކޮޅަށް މި ސަރުކާރުން ކަން ކުރަމުން ގެންދަނީ ގާނޫނުއަސާސީގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިއިގެން ކަމަށާ އެއްވެސް މުއައްސަސާއަކަށް އެ މުއައްސަސާ އޭގެ ޒާތުގައި އެ ގާނޫނުއަސާސީން މަތިކޮށްފައި އޮތް އަމާނާތް އަދާ ކުރުމުގެ އެއްވެސް ޖާގައެއް ނުދީކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
އަޅުގަނޑެއް ނުދެކެން މުއިއްޒުހާ ދޯހަޅިކޮށް، ދޯދިޔާކޮށް ވެރިކަމެއް ކުރި ރައީސެއް. އިގުތިސޯދީ ވިސްނުމެއް ނެތް، ސިޔާސީ ވިސްނުމެއް ނެތް، ގާނޫނުއަސާސީގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިފި. އިގުތިސާދީ ވިސްނުމެއް ނެތް، ސިޔާސީ ވިސްނުމެއް ނެތް، ގާނޫނުއަސާސީގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިފި، އެއްވެސް މުއައްސަސާއަކަށް އެ މުއައްސަސާ އޭގެ ޒާތުގައި އަސާސީން މަތިކޮށްފައި އޮތް އަމާނާތް އަދާ ކުރުމުގެ އެއްވެސް ޖާގައެއް ނުދެއްވާ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ވެރިކަމުގެ ހުރިހާކަމެއް ހެން ގޯހުން ގޯހަށް ދާ މަންޒަރު ކަމަށާ އެހެންކަމުން އެންމެ ރީތި ގޮތަކީ ވެރިކަން ނުކުރެވުނު ކަމަށް އަމިއްލައަށް ގަބޫލުކޮށް ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ.