

ލ.ކައްދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މި އެކްސިޑެންޓްގައި މަރުވީ ލ. މާވަށު އުމުރުން 64 އަހަރުގެ މަރިޔަމް މޫސާ އެވެ.
ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ހުކުރު ދުހަވުގެރޭ 19:18 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެއީ މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ ކަމަށްވެސް ފުލުހުން މައުލޫމާތު ހާމަކޮށްފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.