

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ބުނި މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަދިވެސް ބޭނުން ކުރަން ނުފެށޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ބެސްޓިނެޓްގެ އެކްސްޕެޓު ސިސްޓަމް ބޭނުން ކުރަން ފެށޭނެ ދުވަހަކާ ގުޅޭގޮތުން އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފަށާނީ މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތައް ބެސްޓިނެޓުން ގެނެސް ނިމުމުން ކަމަށެވެ.
އިހުސާން އިތުރަށް ވިދާޅުވީ އޮގަސްޓް 23، ގައި ބެސްޓިނެޓާއެކު އޮންނަ ބައްދަލުވުމުގައި އެކްސްޕެޓް ސިސްޓަމް ބޭނުން ކުރެވޭނެ ސީދާ ދުވަހެއް ނިންމޭނެ ކަމަށާއި މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ބޭނުން ކުރަން ފެށުމަށް ކަމަށެވެ.
އިހުސާން ކުރިން ވިދާޅުވީ މިހާރު ސިސްޓަމް އޮތް ގޮތުން މެނުއަލްކޮށް ކުރަން ޖެހޭ ކަންކަން އާ ސިސްޓަމް އިންޓަގްރޭޓްކުރާއިރު އޭގެ ތެރެއިން އިވެލުއޭޝަންތައް ހެދޭ ގޮތަށް މަގުފަހިކޮށް، ޗެކްސްތައް އިތުރުކުރުމުން ހިދުމަތްތައް އަވަސްވާނެ ކަމަށެވެ.
އޭގެއިތުރުން އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ފަށާނީ އިތުރު ފަސޭހަ ފަންކްޝަންސްތައް ވެސް އިތުރުކޮށްގެން ކަމަށެވެ.