

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބާއްވާ "ވޭކް އަޕް" ޖަލްސާ މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
އެ ޕާޓީއިން މިފަދައިން ހާމަކޮށްފައިވަނީ، އެ ޖަލްސާ ކެންސަލްވީ ކަމަށް ބުނެ ސަރުކާރު ތެރެއިން ގޮތް ނޭނގޭ ނަމްބަރުތަކުން އެކި ރައްޔިތުންގެ ފޯނުތަކަށް މެސެޖު ފޮނުވަމުން ގެންދާތީއެވެ.
މިކަމާ ގުޅިގެން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، މިރޭ ބާއްވާ ގައުމީ އިވެންޓަށް ރައީސް މުއިއްޒު އިސްވެ ހުންނަވާ ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެއީ ވަރަށް ދެރަވަރު ކަމެއް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ފޯނުތަކަށް މިރޭގެ ޖަލްސާ ކެންސަލްވީ ކަމަށް ބުނެ މެސެޖުތައް ފޮނުވަމުންދާ ނަމަވެސް ރޭވިފައިވާ ގޮތަށް މިރޭ 8:30 ގައި އާާޓިފިޝަލް ބީޗުގައި އިވެންޓު ކުރިއަށްދާނެ ކަމަށް މަލީހު ވިދާޅުވިއެވެ.
"ވޭކަޕް" ނަމުގައި ޕީއެންއެފުން އިސްނަގައިގެން ބާއްވާ މި ޖަލްސާ އަކީ އެ ޕާޓީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާއެވެ. ނަމަވެސް މިއީ ސިޔާސީ ޖަލްސާއެއް ނޫން ކަމަށާ މިއީ ގައުމީ ޖަލްސާއެއް ކަމަށް އެ ޕާޓީގެ ރައީސް ޒޭން އަބްދުﷲ ޔާމީން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.
ޒޭން ވިދާޅުވި ގޮތުގައި މިއީ މިއަދު ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދަތިތަކާ ތުރާތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ބާއްވާ އެއްވުމެކެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށް މި ޖަލްސާއަށް ޒޭން ވަނީ ދައުވަތު އަރުއްވާފައެވެ.
މިއަދުގެ ސިޔާސީ މަސްރަހުގައި އެންމެ ހަގު ޕާޓީއަކީ ޕީއެންއެފް ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވާ ގައުމުގެ ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވަމުން ގެންދަނީ ވެސް ޕީއެންއެފުން އެކަނިކަން ފާހަގަކޮށްލެވެއެވެ.
މިރޭގެ ޖަލްސާގައި ޕާޓީގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ވާހަކަފުޅު ދައްކަވާނެ ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.