

މުޖުތަމައު ތެރޭގައި ސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފިއެވެ.
ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ މައުޟޫއަށް އަލިއަޅުވާލާ ޚުތުބާގައި ބުނެފައިވަނީ ކުރިއެރުމާއި ތަރައްޤީކަމުގައި ބުނެ، އައުރަ ނިވައިނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުން އަންނަކަމަށާއި ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުން ދާކަމަށެވެ. އަދި ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާ އެއް ގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުން ފަދަ ކަންކަން އާދައިގެ ކަންކަންކަމުގައި ހަދަމުން އެބަދާ ކަމަށާއި މިއީ މިހާރުން މިހާރަށް ޒުވާނުން ހޭލުންތެރިކޮށް ހަމަ މަގަށް ގެންނަން ޖެހިފައިވާ ކަންކަން ކަމުގައެވެ.
ދީނީ ތަޢުލީމަށް އިތުރު މުހިންމުކަމެއް ދޭން ވެފައިވާ ކަމަށާއި ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރާން ވެއްޖެކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާން ޖެހޭން ކަމަށާއި ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުން ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ތަނަކީ މިސްކިތެވެ. އެއީ އެތަނަކުން ޢިލްމާއި ހުނަރު ހޯދައިގެން އެތަކެއް ޢިލްމުވެރީންނާއި މުފައްކިރުން ނެރެދީފައިވާ ތަރުބަވީ މަދަރުސާއެކެވެ. ފިޤުހާއި ޙަދީޘް ޢިލްމު ފަދަ ޝަރުޢީ ޢިލްމުތަކުގެ އިތުރަށް ހިސާބާއި ބޭސްވެރިކަން ފަދަ ދުންޔަވީ ޢިލްމުތައް މި މަދަރުސާއިން އުނގަންނައި ދީފައިވާކަމުގެ ފަޚުރުވެރި ތާރީޚެއް ފެންނާން އޮތް މި މުޖުތަމއު ތެރޭގައި މިކަން އާލާކުރަން ޖެހޭކަމަށްވެސް ގޮވާލާފައިވެއެވެ.