

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި، ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިފައިވާކަމަށް ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް (އިންޒެކް 2025) ފެށުމަށްޓަކައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ ސަބަބުން ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރުކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ލިބިގެންދިޔައީ ފާއިތުވެދިޔަ އަހަރުގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތު ބިލަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ޒަކާތުގެ ބިލް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާތަކުގެ މައްޗަށްކަމަށާއި، މި ބިލް ޤާނޫނަކަށް ވެގެންދާއިރު ޒަކާތުގެ ޤާނޫނަކީ ވަރަށް ފުރިހަމަ އަދި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ޤާނޫނަކަށް ވެގެންދާނެކަމަށެވެ.
އަދި އަމާޒަކީ މި ޤާނޫނާއެކު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުންކަމަށާއި ޒަކާތު ހައުސްއަށް ހާއްސަ ވަކި އޮފީހެއް ޤާއިމްކޮށް މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަށްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ފާއިތުވެދިޔަ އަހަރު ބޭއްވުނު ޒަކާތު ކޮންފަރެންސްގައި ފަންނީ ބޭފުޅުންގެ ފަރާތުން ހުށައެޅުނު މުހިއްމު ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޒަކާތު ހައުސްގެ ފަރާތުން ކުރިއަށް ގެންދާކަމަށާއި މިއަދު ކުރިއަށްދާ ޒަކާތު ކޮންފަރެންސްގެ ތެރެއިންވެސް މުހިއްމު ފަންނީ ލަފާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ މުވައްޒަފުންގެ މަސައްކަތާއި މެދު ފަޚުރުވެރިވެލައްވާކަމަށް ވިދާޅުވެފައެވެ.