

މާލޭ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް ލަސްވެ، ރައްޔިތުންގެ ޝަކުވާއާއި ޕްރެޝަރ ސަރުކާރަށް ބޮޑުވުމުން ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ތިން ޑްރެޖަރު ގެންނަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށްވާތީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމާއި، ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ބިންތައް ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީ އިން ވަނީ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އައި ސަރުކާރުން ރަސްމާލެ ހިއްކުން ވެސް އެކި ފަހަރު މަތިން ހުއްޓާލާފައިވެއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން 8 މަސް ދުވަސްތެރޭ ހިއްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މި މަސައްކަތުގެ އެއްވެސް އަދާހަމައެއް ރަސްމީކޮށް، ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާއިރު، ސަރުކާރުގެ އެކްޓިވިސްޓުންތަކެއް ރަސްމާލެ މަޝްރޫއު ބަލަން ފުށިދިއްގަރުފަޅަށް ގޮސް، ނަގާފައިވާ ވީޑިއޯތަކުން ހާމަވި ގޮތުގައި މިހާރު އޭގެ ފަހުން 20 މަސް ދުވަސް ފާއިތުވެފައި ވާއިރު ހިއްކިފައިވަނީ އެންމެ 129 ހެކްޓަރުގެ ބިމެވެ. މިއީ މި މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ބިމުގެ އެންމެ 12 އިންސައްތަ އެވެ.
މީގެއިތުރުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި ވެސް ފިނިހަކަ ބާރުމިނުގައި އުޅޭތީ ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.