

މި ގައުމުގައި އެ ހައްގު ހޯދޭނެ ގޮތެއް ނެތީ ހެއްޔެވެ؟ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި މީހުންގެ އަބުރު ރައްކާތެރިކުރުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުދޫދެއްގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެ ހުދޫދު ކަނޑައަޅާނީ ކޮން ބަޔަކު ހެއްޔެވެ؟ ރައީސް ހެއްޔެވެ؟ ސަރުކާރުން ހެއްޔެވެ؟ ނޫނީ މިހާރު ހުށަހެޅިފައިވާ ބިލުގައިވާ ގޮތަށް ސަރުކާރުން ކޮންޓްރޯލްކުރާ ކޮމިޝަނަކުން ހެއްޔެވެ؟ މިހާރު މި އޮތް ނިޒާމުގެ ތެރެއިން ޝަރީއަތަށް ގޮސްގެން އެ ކަން ހާސިލްނުވާނެ ހެއްޔެވެ؟ އަދި އަމުދުން ކޯޓުތަކުގެ ބާރުވެސް ވެރިމީހާ މުށުތެރޭގައި އޮތް ދަނޑވަޅެއްގައެވެ.
މި ދައްކަނީ ކޮން ވާހަކައެއް ކަމާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. މި ދައްކަނީ މިނިވަން ނޫސްވެރިން މަރާލަން އަބުރުގެ ވާހަކަ ވެރިންނާ ބޮޓުންވެސް ދައްކާތީ އެ ވާހަކައެވެ.
ތިންބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެން ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޑިމޮކްރެސީ ވަޅުލަން ކުރާ މަސައްކަތުގެ ވާހަކައެވެ. ވެރިންނަށް ފާރަވެރިވުމަށް ރިޔާސީ ނިޒާމުގައި މަތިކޮށްފައިވާ އެންމެހާ ބަޔަކު ނަގާ ތިމާގެ މުށުތެރޭގައި ފިއްތާލައްވައިގެން ހުންނަވާ ގައުމާ ރައްޔިތުންނަސް ހަރާންކޯރުވެ ޚިޔާނާތްތެރިވަމުންދާތީ ޑިމޮކްރެސީގެ ހަތަރު ވަނަ ބާރުވެރިން ކަމުގައިވާ ނޫސްވެރިން އެތަން ބަލަން ހިމޭނުން ނުތިބެ ރައްޔިތުންނާ ހަމައަށް ސަރުކާރުގެ ވެރިންގެ ބައިވެރިވުމާ އެކު ހިނގަުންދާ ޖަރީމާތައް ތިލަކޮށްދޭތީ އަބުރުގެ ޓެގު އަޅުވައިގެން އެ ނޫސްވެރިންގެ އަތާ ފަޔާ ބަނދެ ދުލުގައި ތަޅު އަޅުވަން ރައީސް މުހައްމަދު މަސައްކަތް ފެށުމުން އެވާހަކައެވެ.
އަނެކާގެ އަބުރާ ޝަރަފާ އިއްޒަތަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެއީ ލިބޭ މިނިވަންކަމެއް ނޫން ކަމަށާ އަދި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ބެލުމެއް ނެތި ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ ވެސް މިނިވަންކަން ނޫން ކަމަށް ވިދާޅުވެ ނުސީދާގޮތުން ނޫސްވެރިންނަށް ބަހުގެ ހަމަލާތައް ދެއްވަމުން ރައީސް މުއިއްޒު ވަނީ މަކަރުވެރިކަމާ އެކު މަޖިލީހަށް ބިލެއް ހުށަހަޅާ ނޫސްވެރިން ކަތިލުމުގެ ސިލްސިލާ ފައްޓަވާފައެވެ.
ނަމަވެސް އެމަނިކުފާނަކީ ނޫސްވެރިންގެ ބުރަކަށި މަތީ ހުންނަވައިގެން ވެރިކަމަށް ވަޑައިގެންވި ބޭފުޅެއްކަމެއް އެމަނިކުފާނު ހަނދުމަ ނެތެވެ. ކަނޑިކި ބުރި ހަނދާން ނެތުނީއެވެ. ކުޅައްވަލު ފަލު ރަންޏަކަށް ވެސް ވީއެވެ.
ނޫސްވތަކަކީ ޗެކު ބުކް އުސޫލުން ލިޔާ ތަންތަނުގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް ސިފަކުރައްވާ ސްޕޮންސަރއަށް ބަރޯސާ ނުވެ ތަންތަން ހިންގަން ޖެހޭ ކަމަށާ ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެއްޗެހި ލިޔެގެން އެހެން ކަންތައްކުރާ ކަމަށްވާ ނަމަ ރާއްޖޭގަ ނޫސްވެރިކަން ދުވަހަކުވެސް ކުރިއަކަށް ނާރާނެ ކަމަށް ވިދާޅުވުމަށް ފަހު ދެން މިއުޅެނީ އެ ބާރުވެރިކަން ދޭން އުޅުމުގެ ބަދަލުގައި، އަނެއްކާ ވެސް އޮބިއަޅާ، ހިފަހައްޓައި، ތަޅުއަޅުވަން އުޅޭތީއެވެ. މީޑިއާ މޮނިޓާކުރުމުގެ ބަދަލުގައި ކޮންޓްރޯލް ކުރަން އުޅޭތީއެވެ.
މަޖިލީސް އެ އޮތީ ސަރުކާރުގެ ކޮންޓްރޯލްގައެވެ. ސަރުކާރުގެ އިންތިހާ މަސްލަހަތު އޮތް ބިލެއް އޮއްވާ ކޯޓުތަކަށް ވެސް ގޮތްތަކެއް ވެއްޖެއެވެ. ޒަލްޒަލާއެއް އައެވެ. ދެން މި އޮތީ ނޫސްވެރިކަމާ ޖެހިފައެވެ. އެއީ، އިއްތިފާގެއް ނޫނެވެ. ތަރުތީބުކުރެވިގެން ހިނގާ ގަޑުބަޑެކެވެ.
ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނަވާ އިންޑިއާ ކަނޑުގެ މުގާބޭ ކަމުގައި ވުމަށް ރައީސް މުއިއްޒު އުޅުއްވާއިރު ވިދޅާުވަނީ ޚުދުމުހުތާރު ވެރިކަމެއް ނުކުރައްވާ ކަމަށެވެ. ޚުދުމުހުތާރުކަމުގެ މާނަ އެމަނިކުފާނަށް އެނގިވަޑައިނުގަންނަވަނީ ތޯއްޗެކެވެ.