
މި ސަރުކާރު އައި ފަހުން އަބަދުވެސް ބުނެ އުޅޭ އަޑު އިވެނީ މިވެނި ކަމެއް އެބަ ކުރެއޭ މިވެނި ބަޔަކު ސަރުކާރާ ދެކޮޅަށް، އެކަމަކު އެއީ އެބަޔަކަށް ލިބިފައި އޮތް ލައިސެންސެއް ނޫނޭއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ "ހެޔޮފުޅު" ކަމުން ނޫސްވެރިންނާ ބައްދަލުކުރަން ބާއްވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސްކަމުގައި ހުންނެވި، މ. ދިމްޔާތު ޑރ މުހައްމަދު މުއިއްޒު ހިތުން ވަރަށް މޮޅު ޖަވާބެއް ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށްވުރެ ބޮޑަށް އެ މިނިވަންކަން އޮތް އެހެން ގައުމެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސެންސެއް ނޫން ކަމަށާ އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ މުސްލިމަކަށް ވީތީވެސް ލިބިގެންވާ ހައްގެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާ ހިސާބުން ލައްކަ ގިނަ ނުރުހުމާ ފާޑުކިޔުންތަކުން މީސް މީޑިޔާ ގުގމާލިއެވެ. އެކި މީހުން އެމީހުންގެ ޝުއޫރުފާޅުކުރަމުން ދިޔައެވެ. އެއް ބަޔަކު ރައީސް މީހާއަށް ސަނާ ކިޔާ ޚުޝާމަދުކޮށެވެ. އަނެއް ބަޔަކު ދަތްކުނޑި ވިކައިގެން ތިބެ ރުޅިވެރިކަމުގެ މެސެޖުތަކެވެ.
ކޮންމެ އަކަސް އެމަނިކުފާނުގެ މި ވާހަކައަށް ފައިސަލާކޮށްލާއިރު އެއީ މުޅިއަކުން ދޮގު ވާހަކައެއްވެސް ނޫނެވެ. އެކަމާ ކޮންމެ ވެސް ވަރަކަށް އެއްބަސްވެވޭއިރު ޚިޔާލަށް އަންނަނީ އެމަނިކުފާނު އެ ހުންނެވި މަގާމުގެ ޒިންމާ އެމަނިކުފާނަށް އެންމެ ރަގަޅަށް އަދާކުރެއްވޭ ބާއެވެ.
އަޅުގަޑުގެ ގަލަމުން މި ވާހަކަތަކަށް އިންސާފުކޮށްލާއިރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ދިވެހި ޖުމްހުރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ ކުރެއްވީވެސް ވައުދަކާ ޚިލާފުވެވަޑައިގެން ހުންނަވާއެވެ. އެއީ އެ ތަޚުތާ ހަމައަށް އެމަނިކުފާނު ގެނައި ހުސް ގޮނޑީގެ ވެރިޔާ އަތުގައި ހިފައިގެނ ް ނޫނި ހުވާ ކުރަންވެސް ވަޑައިނުގަންނަވާނެ ކަމަށް ވިދޅާުވެ ވީ ވައުދެވެ. ކޮންމެ ރިޔާސީ ވައުދަކީ މެނިފެސްޓޯގައި ލިޔެފައި އޮންނާނެ އެއްޗަކަށް ނުވާއިރު، ތިމާ ދުލުން ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ވީ ކޮންމެ ވައުދަކަި ޕްލެޖެކެވެ. ނޫނީ ވައުދެކެވެ. އަނގަބަހުން ވިޔަފާރިތަކުގައި ވެވޭ މުއާމަލާތްވެސް ކޯޓަށް ސައްހަވާއިރު، ރިޔާސީ އިންތިހާބާ ދިމާކޮށް ކެންޑިޑޭޓަކު ރައްޔިތުންނާ އެކު ވި އެއްބަސްވުން ވެސް ދަތުރުކުރަންވާނީ ހަމަ އެ މަގުން ނޫންތޯއެވެ.
ކޮންމެ އަކަސް ކަން މިހެން އޮތްއިރު ވެރިކަމަށް ވަޑައިގަތީ ހޯހޯއޭ ތިމަން މަނިކުފާނު ކޮރަޕްޝަނާ ވައްކާ ގައިކޮޅު ގައިގާ ދުރޭ ވިދާޅުވަމުން ނަމަވެސް، ވެރިކަމަށް ވަޑައިގެން، އެއިން ކަމެއް ކޮށްނުލައްވާ ނޭވާ ވެސް ދައުރުނުވެއޭ ރަށު ތެރޭ ބުނެ ކިޔާތި އުޅޭ އަޑު އަހަމުއެވެ. ލޮލަކަށް ނިންޖެންވެް އެކަމެއް ކޮށްނުލާ ނާންނަ ކަމަށް އަރިސް ބޭފުޅުން ބޮޑު ސިއްރެއްގެ ގޮތުގައި ކިޔާ އުޅޭ ކަމަށްވެސް ވެއެވެ.
ކުންފުނިތަކުގެ ވެރިންނަށް އައްޔަންކުރި މީހުންނާ ވުޒާރަތަކަށް އައްޔަންކުރި ވަޒީރުންނަކީ ވެސް ކޮޅު ދާލިކޮޅުތައް ރައީސް މީހާއަށް ގެންގޮސް ދޭނެވަރުގެ ބަޔަކު ކަމަށް ވެސް ހެދީ އެ މަގްސަދުގައި ކަމަށްވެސް އަޑުތައް ގަދަވެގެން ދިޔައި ބަނޑިތަކުރު ވިހެއި ރޭ އަލަފަތްވެސް ނާންނާނެހާ ތިޔާގި ކަމާ އެކުއެވެ.
ވެރިކަމަށް ދެ އަހަރުވީއިރު މުޅިގައުމުގައި އޮތީ، "ޗުއިންގަމް" ޅެމުގައި ބުނާ ހެން އެތާ ވެސް މިތާވެސް ކޮރަޕްޝަނެެވެ. މުޅި ދައުލަތް ކޮރަޕްޝަންގެ ހާއްޔަކަށް ހަދާ ދޫނިތައް ބިސް އަޅާ ނިންމާފައެވެ. ނަމަވެސް މިއިން ވާހަކައެއް ބައްޕަ ދޫންޏަށް ހަމަ ރޭކާލާ ކަަމަށް ވެސް ނުވެއެވެ.
ނަމަވެސް ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއް ދުވަހޭ ބުނާ އުސޫލުން ސަރުކާގެ އެތެރެ ކޮއިލުގެ ވާހަކަތައް އިސާހިތަކު ތިލަވާން ފެށީ ދޫނި ޕާޓިގެ ތެރޭގައި ރެނދުލާ މަގާމުތަކުން މީހުން ވަކިކުރަން ފެށުމުންނެވެ. އެކި ކުންފުނިތަކުގައި ތިބި ވެރިން ވަކިކޮށް އިސްތިއުފާ ދޭން އަންގާ ހާޖަނު ގަޑު ހެދުނު ހިސާބު އަސްލު ސަރުކާރުގެ ސޫރަ ފެންނަން ފެށިއެވެ. އެ ވެރިންތައް ހަގީގަތް ތިލަކުރަން ފެށިއެވެ. ކޮންމެ ކޮރަޕްޝަނެއްގެ ފަހަތުގައި ހުންނަނީ ބައްޕަ ދޫނިކަން ފަޅާ އަރުވާލިއެވެ.
ނަމަވެސް މިއިން ކޮންމެ ވާހަކައެއް ބައްޕަ ދޫނި ދޮގުކުރަނީ އަނގަޔަށް ވަންޏެއް ވެސް އަރުވާ ނުލާއެވެ. މި ނުން ދުވަހެއް އޮތް ކަމާ ރައްޔިތުން ހަވާލުކުރި ޒިންމާއާ ސުވާލު ވެވޭނެ ދުވަހެއް އޮތްކަން ކުޑައިކޮށް ވެސް ފަހަރުގައި ހަނދާން ނުހުންނަނީ ކަމަށް ވެސް ވުން އެކަށީގެންވެއެވެ. އެއަށް ވުރެ ސްޓްރެސްފުލް ލައިފެއްގައި އުޅުއްވަންނާޏ ވެސް އެވަރުކަމެއް ވެދާނެ ދެއްތޯއެވެ.
މިހުރިހާ ކަމެއް މިހެން ހުރުމާއެކު ރައީސް، 11 މެއި ވީ ހޯމަ ދުވަހު ނޫސްވެރިންނާ ގުޅުވާ ދެއްކެވި ވާހަކައަށް ބުނެލަން އޮތީ ނުހަނު ކުޑަ ނަމަވެސް ބަރުދަން ހުރި ވާހަކައެކެވެ. ދޮގު ނުހަދާ، ވައްކަން ނުކޮށް، ހިޔާނާތްތެރިނުވެ ރައްޔިތުންގެ ފައިސާ ބޭނުން ގޮތަކަށް ނުތަޅައިވެސް ވެރިކަން ކުރެވިދާނެއެވެ.
ހަމައެހެންމެ ބޮޑު ބަދަލަކަށް އެދި ރައްޔިތުންނާ އަދި ބޭފުޅަކު ޖަލުގައި އެތައް ގުރުބާނީތަކެއް ވެގެން ގެނައި ސަރުކާރުގެ ވެރިކަން ހަވާލުކުމަކީ، ދޮގުހަދާ، ޚިޔާނާތްތެރިވާން ލިބޭނެ ލައިސެންސެއްވެސް ނުމެ ނޫންމެއެވެ.
ހަތްގުދު އޮތް މީހާ ނުކުމެ އެހެން މީހުންނަށް ގުދޯގުދޯ ގޮވުމުން ތީތި ކަނޑައެވެ. ވެރިކަމަށް އަންނަން ނޫސްވެރިން މެދުވެރިކޮށް ޖެހި ޗައްކަރު މިއަދު ނޫސްވެރިން މަނިކުފާނުގެ ވެރިކަމުގައި ތަކުރާރުކުރާ ކަމަށް ބުނަނީ ވެސް ހަމަ މަނިކުފާނުގެ ކޮއިލުގެ ތެރެއިންނެވެ.
އެވާހަކަ ބުނެލީއެވެ. ވަރަށް ސަލާމެވެ.










