
ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރުވޭނެ ކަމަށާ އެކަން ކުރަން ތިބީ ނޫސްވެރިން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދެ ފުށް ނުފެންނަ ގޮތަށް ސަރުކާރުގެ ހަރަދުތައް ވަންހަނާކޮށް، ދައުލަތުގެ ކަންކަން ހިނގަމުން ދިޔުމުން ލިބޭ ގެއްލުމުގެ އަސަރު ކުރަނީ ރައްޔިތުންނަށް ކަމަށާ އެ ގެއްލުމުން ރައްޔިތުން ސަލާމަތް ކުރުމަށް ދައުލަތުގެ ބާރެއްގެ ގޮތުގައި، ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ގައުމަކަށް ތަނަވަސް ކަމެއް އަންނަނީ ތެދު ބަހުން ވާހަކަ ދެކެވި ބަހުސް ކުރަން ފެށުމުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަން ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި އޮތް ނަމަވެސް ހަގީގަތުގައި، ދައުލަތުގެ ފުރަތަމަ ތިން ބާރު ބަލަހައްޓާ އެންމެ މުހިއްމު ބާރަކީ ނޫސްވެރިކަން ކަމަށެވެ. ކުރީގައި ނޫސްސވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަނިކޮށް ޖަލަށްވެސްލި ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރަސީއެއް ހިނގަނީ މިނިވަންކަމާ އެކީގައި ނޫސްވެރިކަން ކުރެވެމުން ދާނަމަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ ވެރިންނާ އަދި ސިޔާސީ މީހުންގެ ވެސް މަސައްކަތް ރަގަޅަށް ހިނގާނީ ނޫސްވެރިން ފާރަވެރިވުމުން ކަމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ނުކުރެވޭ ކަމަށާއި ވާދަވެރި ޕާޓީ ވެސް ސަރުކާރު ވަރަށް ރަނގަޅޭ ބުނެފި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންނަށް އެމްޑީޕީގެ ބައެއް މެންބަރުން ރުހުން ދިން ދިނުމަށް އިޝާރާތްކުރައްވާފައެވެ. އަދި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރަން އެހެންކަމުން ތިބީ، ނޫސްވެރިން ކަމަށާ މި ކަންކަމުގެ އަސްލާއި ހަގީގަތް ރައްޔިތުންނަށް ގެނެސްދޭން ތިބި ބަޔަކީވެސް ނޫސްވެރިން ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މިފަހަކަށް އައިސް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރާ ނޫސްވެރިންނާ އަދި އެ ނޫސްވެރިން މަސައްކަތްކުރާ ނޫސް މަޖައްލާ ތަކާ ޓީވީ ސްޓޭޝަން ފަދަ ތަންތަނާ މެދު ވެސްފިޔަވަލު އަޅުވުވަމުންނެވެ.










