April 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މުއިއްޒު ދައްކަވާ ވާހަކަތަކުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 29, 2025, 05:29 AM
މާލެ ސިޓީ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދައްކަވާ އެއްވެސް ވާހަކަފުޅެއްގައި ނުވަތަ ކުރައްވާ އެއްވެސް ކަމެއްގައި އެއްވެސް ކަހަލަ އިޚުލާސްތެރިކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

މި ހަފްތާގެ ޕީއެންއެފް ޓައުން ހޯލް ޖަލްސާގައި މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވީ ނޫސްވެރިންނާއި އާންމުންގެ ޕްރެޝަރ "ހޭންޑަލް" ނުކުރެވި ގޮތް ހުސްވެގެން ކަމަށެވެ.

ސަރުކާރުގެ ނުފޫޒާއި އެކު ބ.ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު ލައްވާ މަޖިލީހަށް މީޑިއާ ކޮންޓްރޯލް ބިލް ހުށަހެޅި ކަމަށް އެގިނުލައްވާ ކަމަށް ބުނެ މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށާއި މި ބިލު ދިފާއުކުރުމަށް މުއިއްޒުގެ ފަރާތުން މިއަދު ބަންޑާރަ ނައިބު ނުކުތުމުން އެއީ ސަރުކާރުން މިކަމަށް ތާއީދުކުރާކަން ދޭހަވާ ކަމެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މުއިއްޒު ދައްކަވާ އެއްވެސް ވާހަކައެއްގައި އެއްވެސް އިޚުލާސްތެރިކަމެއް ހަމަ ނެތީ އިގޭތޯ، އިދާރާތަކުގެ އިސްވެރިންނަށް މި އައްޔަނުކުރަނީ ސީދާ މުއިއްޒު ބޭނުންވާ މީހުން އެހެންވީމާ ފުލް ކޮންޓްރޯލް އޮންނާނީ މުއިއްޒު އަތުގައިނޫންތޯ

ރައީސް ޔާމީން ވިދާޅުވިއެވެ.

މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރުމަށްފަހު އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ރަސްމީ ސިފައެއްގައި އެޑްރެސް ކުރައްވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މި ބިލުގައިވާ އެއްވެސް އެއްޗެއް މުއިއްޒަށް ނޭގޭ ކަމަށް ކުރިން ވިދާޅުވެފައިވާއިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ މީޑީއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ ރައީސް އަކަށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި ކަމަށް ރައީސް ޔާމީނުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

އެހެންކަމުން، މުއިއްޒު ހައްދަވަނީ ހުސް ދޮގު ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ އިތުރު ޕެނަލްތައް މިހާރުވެސް އުފައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމާއި، އޭސީސީގެ ރައީސްގެ މަގާމުވެސް އައްޔަނު ކުރަނީ ސީދާ މުއިއްޒު ކަމަށާއި މިއީ ގައުމުގެ ހުރިހާ އިދާރާއެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނައުމަށް ނިންމަމުންދާ ސިޔާސަތުތައް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved