

މީޑިޔާ ރެގިއުލޭޝަންގެ ނަމުގައި ސަރުކާރުން އަޑީގައިި އޮވެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލުގައި މައިގަނޑު ދެ ސަބަބަކީ ދައުލަތުގެ ވައްކަންތައް ރައްޔިތުންނަށް ތިލަކޮށްދޭ ދެ ޓީވީ ސްޓޭޝަނެއް ބަންދުކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ސަރުކާރުން އަޑީގައި ތިބެ އުޅެނީ މީޑިޔާތައް މުށު ތެރެއަށް ލުމަށް ކަމަށާ ނަމަވެސް ފައިސާދިފައިވެސް ނުގަނެވޭނެ އަދި ދައްކާ ބިރަކަށް ފަސް ނުޖެހޭނެ ދެ ބަޔަކު އުޅޭތީ ސަރުކާރަށް ގާނޫނަކުން އެކަން ކުރަން މަޖްބޫރު ވަނީ ކަމަށެވެ.
އެގޮތުން ޗެނަލް 13 އަކީ ސަރުކާރުން ފަސް ޖެހޭ ޓީވީ ސްޓޭޝަނެއް ކަމަށާ ސަރުކާރާ ގުޅުން ހުރި އަހުމަދު ނާޒިމް ފަދަ މަޝްހޫރު ޝަޚްސިއްޔަތުންނާ ގުޅުން ހުރި ބޮޑެތި ޖަރީމާތައް ތިލަކުރުމާ، އަދި ޕީއެންއެފް ޖަލްސާތައް އެ ޓީވީ ސްޓޭޝަނުން ދުރަށް ގެނެސްދޭ ދިނުމަކީ ސަރުކާރުން ކުރާ ވައްކަންތަކަށް ފުރުސަތު ހަނިވެގެން ދާ ކަމަށްވުމުން އެ ޓީވީ ސްޓޭޝަން ބަންދުކުރަން މަގު ކޮށަނީ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ރާއްޖެ ޓީވީއާ މެދު ވެސް ސަރުކާރުން ފަސް ޖެހޭކަން ފާހަގަކުރައްވާ އެހެންކަމުން މީޑިޔާ ބިލުގެ ފަހަތުގައި އޮތް މައިގަނޑު ސަބަބަކީ މި ދެ ޓީވީ ސްޓޭޝަން ބަންދުކުރުން ކަމަށް ރައީސް ޔާމީން ވިދާޚުވިއެވެ.
ރައީސް ޔާމީން ވަނީ މީޑިޔާ ރެގިއުލޭޓުކުރުމުގެ ހެޔޮ ނިޔަތް އޮތްކަމުގައިވަނީ އެކަމުގެ ތެރެއަށް ސަރުކާރުން އަތް ނުބާނާ މީޑިޔާތައް އަމިއްލައަށް ރެގިއުލޭޓުވާން ފުރުސަތު ދެއްވުމަށް ގޮވާލައްވާފައެވެ.