March 12, 2026
Advertisement
.
. / މަޖިލިސް

މީޑިޔާ ކޮންޓްރޯލް ބިލު ފަރުމާކޮށްފައި އޮތީ މީޑިޔާގެ މިނިވަންކަން ހަނިވާގޮތަށް: އެމްއެމްސީ

Aug 31, 2025, 09:19 PM

މިޑިޔާ ކޮންޓްރޯލް ބިލް ފަރުމާ ކޮށްފައި އޮތީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށް ބުނެ އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

Advertisement

މީޑިޔާ ކައުންސިލްގެ ރައީސް ހުސެއިން ސަގީފް މިފަދައިން ވިދާޅުވެފައި ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ސަގީފް ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ޑްރާފްޓު ކޮށްފައި ވަނީ އެ ކައުންސިލާ އަދި ނޫސްވެެރިންނާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ އެއްވެސް ވަރަކަށް ދިރާސާއެއް ވެސް ކުރުމެއް ނެތި ކަމަށް ސަގީފް ވިދާޅުވި އެވެ.

ސަގީފް ވިދާޅުވީ ބިލު މިހާރު ފަރުމާ ކޮށްފައި އޮތް ގޮތުން ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެހެނިހެން އަސާސީ ހައްގުތައް ހަނިވެގެންދާނެ ކަމަށެވެ. އޭގެއިތުރުން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން ވެސް އެ ބިލުން ހަނިކޮށްފައިވާ ކަމަށް ސަގީފް ވިދާޅުވި އެވެ.

މީޑިޔާ ކޮންޓްރޯލް ބިލަށް އިސްލާހަށް ހުށަނާޅައި އެ ބިލު ބޭރުކޮށްލަން ފެންނަ މައިގަނޑު ސަބަބުތައް މީޑިއާ ކައުންސިލުގެ މެންބަރުން ވަނީ މިއަދުގެ ކޮމިޓީގައި ފާހަގަކޮށްފަ އެވެ. އެގޮތުން މީޑިއާތައް ރެގިއުލޭޓު ކުރުމަށް އުފައްދަން އެ ބިލުގައި ހިމަނާފައިވާ ކޮމިޝަނަށް ސިޔާސީ ނުފުޒޫ ވަނުމުގެ ފުރުސަތު އޮތުމާއި އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރާ މެންބަރުންނަށް ވޯޓު ދެވޭ ހަމަ ގަބޫލު ނުކުރާ ކަމަށް މީޑިއާ ކައުންސިލުގެ މެންބަރު، ނަހުދާ ފާއިޒު ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަދެއްކެވި މީޑިއާ ކައުންސިލުގެ ހުރިހާ މެންބަރުން ވެސް ގޮވާލީ މިހާރު ހުށަހަޅާފައިވާ ބިލު މަޖިލީހުން ބޭރުކޮށްލުމަށެވެ. އަދި އެ ބިލަށް އިސްލާހެއް ހުށަހެޅުމުގެ ބަދަލުގައި އެ ބިލާ މެދު އަމަލު ކުރަން ފެންނަ ގޮތެއް ބިލަށް ހިޔާލު ހުށަހެޅުމުގެ މުއްދަތުގައި ކޮމިޓީއަށް ލިޔުމުން ފޮނުވާނެ ކަމަށް ވެސް މީޑިއާ ކައުންސިލުގެ މެންބަރުން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved