

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ އާމްދަނީއަށް ވުރެ ގިނައިން އޭނާ މިދިޔަ އެއް އަހަރު ތެރޭ ޚަރަދު ކުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރި އިރު ސިނާޏްގެ މާލީ ބަޔާނުންނެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް، މަޖިލިސް އިދާރާއިން ހާމަކުރަން މިއަދު ހާމަކުރަން ފަށާފައިވާއިރު، މެއި 28، 2024 އިން ފެށިގެން މެއި 27، 2025 އާއި ހަމައަށް މެންބަރުން އަތުގައި ހުރި ފައިސާ އާއި ދަރަނި އަދި މުދަލުގެ ތަފުސީލުތައް ހާމަކޮށްފައިވެއެވެ.
އެ މުއްދަތުގައި މެމްބަރު ސިނާނަށް 1.6 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް ބަޔާނުން ދައްކާއިރު އޭނާވަނީ އެއަށް ވުރެ އިތުރު ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެގޮތުން މުސާރައިގެ ގޮތުގައި ލިބުނު 906،773.69ރ. އަދި ވިޔަފާރި ނަފާގެ ގޮތުގައި ލިބުނު 675،000ރ. އެވެ. މާލީ ބަޔާން ދިން އިރު ސިނާނުގެ އެކައުންޓުތަކުގައި އެންމެ ހާހެއްހާ ރުފިޔާ ވެސް ނެތެވެ.
މާލީ ބަޔާނުގައިވާ ގޮތުން، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސިނާން ވަނީ އަމިއްލަ ނަމުގައި އޮތް ދެ ލޯނަކަށް ފައިސާ ދައްކާފައެވެ. އޭގެ ތެރެއިން އެސްޑީއެފްސީ އިން 2022 ގައި ނެގި މިލިއަން ރުފިޔާގެ ލޯނަށް އެ އަހަރުގެ ތެރޭ އޭނާ 53،631ރ. ދެއްކި އެވެ. އަދި، އިސްލާމިކް ބޭންކުން ދެއްކި ނަގާފައި އޮތް 5.5 މިލިއަން ރުފިޔާގެ ލޯނެއް ދައްކާ ހަލާސް ކުރިއެވެ.
އެހެންކަމުން ބަޔާނުގައި ހިމަނާފައިވާ އެއް އަހަރުގެ މުއްދަތުގައި ލޯނު ދެއްކުމަށް ސިނާން ވަނީ ޖުމްލަ 5.6 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭނާއަށް ލިބުނު 1.6 މިލިއަންގެ އާމްދަނީ އެކީހެން ބޭނުންކުރި ނަމަވެސް، ލޯނުތައް ދެއްކުމަށް އިތުރު ހަތަރު މިލިއަން ރުފިޔާ ބޭނުންވާނެއެވެ.
ނަމަވެސް އެ ފައިސާ ސިނާން ހޮދި ގޮތެއް ހާމަކޮށްފައި ނެތެވެ. ސިނާން ލޯނު ދެއްކީ ވެސް ލޯނު ނުދައްކާތާ ހަ މަސް ފާއިތުވީ ފަހުން، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާ ދިނުމަށް ސުޕްރީމު ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.