

ޖިންނީންނާއި އިންސީންނަށް ތެދުމަގުދެއްކެވުމަށް ޓަކައި މާތް اللَّه ފޮނުއްވެވި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ، ޤުރްއާނާއި ސުންނަތުން ސާބިތުވާ ކަމެއް ކަމަށާއި އެއީ މާތް اللَّه އަމުރުކުރައްވާ އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ މައްޗަށް މިއަދުގެ ޚުތުބާ އަލިއަޅުވާލައި ޚުތުބާގައި އިތުރަށް ވިދާޅުވީ ކަނުއަނދިރިކަމުގެ ޖާހިލު ކަމުގައި އިންސާނުން އުޅެމުންދަނިކޮށް މާތް اللَّه މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ مُـحَمَّدٌ ﷺ ކަމަށެވެ.
އަދި އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އޮތް ކަމަށާއި އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ ހަމައެކަނި މަގުކަމުގައެވެ. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވި ކަމަށާއި ހަތުރުން މިތުރުންނަށް ވެ ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ކީރިތިރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނާން ޖެހޭ ކަމަށާއި އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނޭކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
އެ ކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި، އެކަލޭގެފާނަށް އިޙުތިރާމުކުރުން ހިމެނެއެވެ. އެ ކަން އެ ގޮތަށް ނުކުރާމީހުންގެ ޢަމަލުތައް ބާޠިލުވެދާނެކަމަށް އަންގަވައި، މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން، އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ."
މިއަދު އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި، ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނެއެވެ.
މީގެ އިތުރުން، އެހެން ހުރިހާ މީހުންނާއި ކަމަކަށްވުރެ އެކަލޭނގެފާނުގެ ދެކެ ލޯބިފުޅުވުމަށް ހުރިހާ މުސްލިމުންނަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވެއެވެ.