
ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން ވެރިކަމުގެ ގޮނޑި ދިފާއުކޮށްގެން އިންނަވަން ނުވިސްނެވުމަށް ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ރައީސް މުއިއްޒަށް ގޮވާލާފިއެވެ.
އެކްސްގައި އައްބާސް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ސަރުކާރު ހިންގަން ފެށިފަހުން ދައުލަތުގެ ދަރަނި 38.1 ބިލިއަނަށް އަރާފައިވާ ކަމަށާއި މި ދަރަނިތައް ދަނީ ދުވަހެއް ދުވަހަކަށްވުރެ މައްޗަށް ކަމަށެވެ.
މިއާއިއެކު މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 17.50 ގައި ހުރި ޑޮލަރު ރޭޓް މިހާރު ވަނީ 20.50 އަށް އަރާފައި ކަމަށް ފާހަގަކޮށް އައްބާސް ވިދާޅުވީ މުއިއްޒުގެ ސަރުކާރުން ރައްޔިތުން ބިކަ ކޮށްފި ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ޚަރަދު ކުރާ ނޫސްތަކުން މޮޅެތި ހަބަރު ޖެހުވިޔަސް މަންޒަރު ރަޔިއްތުންނަށް މިހާރު ސާފުވެފައިވާ ކަމަށާއި ޒަރޫރީ ބޭނުމަށް ތަކެތި ގަތުމަށްވެސް ރައްޔިތުން އަތުގައި ފައިސާ ނެތް ކަމަށެވެ.
މުޅި ރާއްޖޭގައި ކުރީގެ ސަރުކާރުތަކުން ފަށާފައިހުރި ހުރިހާ ޕްރެޖެކްޓްތައް ހުއްޓުމަކަށް ގެނެސް މި ސަރުކާރުން އިތުރު އާ އެއްވެސް ޕްރޮޖެކްޓެއް ފަށާފައި ނުވާ ކަމަށްވެސް އައްބާސް ފަހަގަކުރިއެވެ.
ރައީސް މުއިއްޒު އަންނަނީ ބޮޑެތި ދޮގުތަކާއި އޮޅުވާލުންތަށް އޮޅުވާލައިގެން ވެރިކަމަށް އަރާ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ ވެރިކަމުގެ ބޮޑު ގޮނޑީގައި އިންނަން ކަމަށް އައްބާސްގެ ޕޯސްޓްގައި ސިފަކޮށްފައިވެއެވެ.
ރައްޔިތުންގެ ފަޅީގައި ހުރެ ރައްޔިތުން ނިކަމެތިކުރަމުން ދާތީ ރައްޔިތުންގެ އެދުމަކީ ވީއެންމެ އަވަހަށް މުއިއްޒު އިސްތިއުފާ ދެއްވުން ކަމަށް ބުނެ އައްބާސް ވަނީ މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފައެވެ.










