March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ރާއްޖޭގައި ޕަަޕަރާޒީ ގާނޫނެއް އޮންނަން ޖެހޭ: ރައީސް ޔާމީން

Sep 6, 2025, 09:01 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ޕަޕަރާޒީ ގާނޫނެއް އޮންނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފަރާތުން ބާއްވާ ޓައުން ހޯލު ޖަލްސާތަކުގެ ތެރެއިން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ފުލުހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުން ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުން ނަމަ އިންސާފު ގާއިމުކުރުމުގައި ހަމަހަމަކަން ގެންގުޅުން މުހިއްމު ކަމަށެވެ. އަދި ދޭ ދޭ ފަރުދުންގެ މެދުގައި ޝައްކުކުރުމުގެ ބައި މަދުކޮށް ޔަގީނަށް ކަންކަން ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ޒުވާނުން ކަންކަމަތީގައާ އަދި އެކި ކަހަލަ މާހައުލުތަކުގައި އެއްވެ ތިބެ ސައްލާ ކުރަމުންދާއިރު އެއީ ވަކި ކަހަލަ ބައެއްގެ ލޭބަލްކޮށް އެމީހުންނަށް ޖާސޫސުކޮށް އެމީހުންގެ ފޮޓޯ ނަގާ ގޮޅިއަކަށް ފެތޭހެން ދައުވާކޮށް އެ ޒުވާނުންގެ މުޅި ހަޔާތް ވާނުވާ ބަންދުގައި ދުއްވާލަން ޖެހިފައި އެބަ ހުރި ކަމަށެވެ.

އެކަމުން ފަހުން ސަލާމަތް ވިޔަސް އެ ޒުވާނެއްގެ ފަސްބައިން އެ ލައްގަނޑު ފިލާ ނުދާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވި، މީހުންގެ ހުއްދަ ނެތި މީހުންގެ ފޮޓޯ ނެގުން ފުލުހުންނަށް ވެސް މަނާވާނެހެން ޕަޕަރާޒީ ގާނޫނެއް މިހާރު ރާއްޖޭގައި އޮތުން ލާޒިމް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގައުމުގައި ގިނަ ކަންތައްތަކެއް ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ހިނގާފައި އެބަހުރި ކަމަށާ އެހެންކަމުން އެކަންކަން ބަލާ އިންސާފުން ތަހުގީގުކުކުރަން މިހާރުގެ ސީޕީ ނަވީން އިސްނަންގަވައިގެން މަސައްކަތްކޮށްފި ނަމަ ރައްޔިތުންގެ އިތުބާރު ފަހަރުގައި އަނބުރާ ފުލުހުންގެ އިދާރާ ލިބުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved