

2025 ސެޕްޓެންބަރު 7 ގައި ހިފާ ކޭތަ ފަނޑުހިޔަނި ކޭތައެއްގެ ގޮތުގައި ހިފާން ފަށާނީ ރާއްޖޭ ގަޑީން ރޭގަނޑު 20:28:25ގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
އަދި މި ކޭތަ 21:27:09 ގައި ޕާޝިއަލް ކަޅުހިޔަނި ކޭތައަކަށް ބަދަލުވާން ފަށާނެ ކަމަށާއި 22:30:48 ގައި ފުރިހަމަ ކޭތައަކަށް ބަދަލުވާން ފަށާ 23:11:47ގައި ފުރިހަމަ ކޭތައަކަށް ބަދަލުވެ ރެޑްބްލަޑް މޫންއަކަށް ބަދަލުވެފައި ހުންނަ ތަން ފެންނާނެ ކަަމަށް މި އިދާރާއިން ބުނެފައިވެއެވެ.
23:52:51 ވަންދެން ފުރިހަމަ ކޭތައެއްގެ ގޮތުގައި މިރެޑްބްލަޑް މޫން ކޭތަ ދެމިހުންނާނެއެވެ. އެއަށް ފަހު، 2025 ސެޕްންބަރު 8ގެ 00:56:31 ގައި ޕާޝިއަލް ނުވަތަ ކަޅުހިޔަނި ކޭތަ ނިމިގެންދާނެއެވެ. އެއަށް ފަހު، ފަނޑުހިޔަނި ކޭތައަކަށް ބަދަލުވާން ފަށާނެއެވެ. 01:55:08 ގައި ފަނޑުހިޔަނި ކޭތަނިމި އާދައިގެ 14ވިލޭރޭގެ ހަނދަކަށް ހަނދު ބަދަލުވާނެއެވެ.
ފަނޑުހިޔަނި ކޭތައަކީ ޢާންމު ޙާލަތުގައި ގިނަ ބަޔަކަށް ދެނެގަތުން އުދަނގޫ ވައްތަރެއްގެ ކޭތައެކެވެ. އެއީ ފަނޑުހިޔަނި ކޭތައަކީ ދުނިޔެއިން ފާޅުވާ ދެހިޔަނީގެ ތެރެއިން އެންމެ ފަނޑުކޮށް ފާޅުވާ ހިޔަނި ހަނދަށް އެޅުމުން ހިފާ ކޭތައަށްވީމާ ހަނދަށް މާބޮޑު ބަދަލެއް އައިސްފައި ހުންނަކަން ފާހަގަނުކުރެވޭތީއެވެ. މިއީ ޕެނަމްބަރަލް އިކްލިޕްސްއެވެ.
މި ރެޑްބްލަޑް މޫން ނުވަތަ ލޭރަތް ހަނދުކޭތައަކީ މުޅި ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށް ވެސް ފެންނާނެ ފުރިހަމަ ހަނދު ކޭތައެކެވެ.
މިރޭ ރާއްޖެއަށް ފެންނަ ހަނދުކޭތައާ ބެހޭ pic.twitter.com/DEgZ05xMAd
— Maldives Meteorology (@MetMaldives) September 7, 2025
ހަނދުކޭތައިގެ ވައްތަރުތަކަށް ބަލާ އިރު، ހުންނަނީ، ފުރިހަމަ ކޭތައާއި، ކަޅުހިޔަނި ކޭތައާއި ފަނޑު ހިޔަނި ކޭތައެވެ.
މީގެ ތެރޭގައި ރެޑްބްލަޑް މޫން ނުވަތަ ލޭރަތްކުލައިގެ ހަނދުކޭތައަކީ ވެސް ފުރިހަމަ ކޭތައިގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ހަނދަށް ރަތްކުލައަރާ ސަބަބަކީ އިރުން އަންނަ ބައެއް ދޯދި ޝޯޓްވޭވް ރޭޑިއޭޝަން ދޯދިތައް ދުނިޔޭގެ އެޓްމޮސްފިޔަރއަށް ވަންނަ އިރު ދުނިޔޭގެ ފަށަލަތަކުގެ ތެރެއަށް އެ ދޯދިތައް ވަންނަ އިރު، ފެތުރިގެންދާ ދިއުމުގެ ތެރެއިން ލެބިގެން (ރިފްރެކްޝަން) ގޮސް ހަނދަށް ނުފޯރާތީ ދިމާވާ ގޮތެކެވެ. އެ ދޯދިތައް ދުނިޔޭގެ ފަށަލަތަކަށް ވަންނަ އިރު، އެ ދޯދިތައް ލެބިގެންދާ ގޮތް މެދުވެރިކުރުވަނީ ރިފްރެކްޝަންގެ ސަބަބުންނެވެ. އަދި ބައެއް ދޯދިތައް އެޓްމޮސްފިއަރގެ ތެރެއަށް އެބްޒޯބްވެގެން ވެސް ދެއެވެ. މި ގޮތަށް އެންމެ ފަސޭހައިން ގެއްލި ހުސްވަނީ ނޫކުލަ އުފައްދައިދޭ ޝޯޓްވޭވްގެ ރޭޑިއޭޝަންގެ ދޯދިތަކެވެ. ނަމަވެސް ލޯންގް ވޭވް ރޭޑިއޭޝަން ދޯދި ރަތްކުލަ ނުވަތަ އޮރޭންޖް ކުލަ އުފައްދައިދޭ ދޯދިތައް ލެނބިގެން ދަނީ ހަނދާ ދިމާއަށްކަމަށްވާތީ މި ޙާލަތުގައި ހަނދުކޭތަހިފަމުންދާ އިރު، ހަނދު ފެންނާނީ ރެޑްބްލޑް ހަނދެއްގެ ނުވަތަ ލޭރަތް ހަނދެއްގެ ގޮތުގައެވެ.