

މާލޭގެ ގެއެއްގެ ބެލްކަންޏަކުން ވެއްޓީ ނިޔާވި ޒުވާނާ، ވިފާގު އިބްރާހިމު އަދުނާނުގެ މަރުގެ މައްސަލައަށް ބިނާކޮށް "ޗެނަލް 13" އިން ގެނެސްދިން "ބެލްކަނީ" ޑޮކިއުމަންޓްރީގައި ހިމެނޭ ބައެއް ބައިތައް އުނިކުރަން ބްރޮޑްކޮމްއިން އަންގާފައި އެންގުމާ އެއްގޮތަށް ބައިތަކެއް އުނިކުރުމަށް ފަހު އެ ޑޮކިއުމަންޓްރީ އަލުން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޓީމް 13 އިން މަސައްކަތް ފަށާއިފިއެވެ.
ޗެނަލް13 ގެ ސީއީއޯ، ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، "ބެލްކަނީ" ޑޮކިއުންމަންޓްރީ 07 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭ އޮންއެއާރ ކުރުމުން ބްރޮޑްކޮމް އިން ވަނީ އެ ޑޮކިއުމަންޓްރީއާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް އަންގައި މައްސަލަ ބަލާ ނިމެންދެން އިތުރަށް އެ ޑޮކިއުމަންޓްރީ އޮންއެއަރ ނުކުރުމަށް އަންގާފައި ކަމަށެވެ.
އޭގެ ގާތް ގަޑަކަށް އަހަރަކާ ގާތްވެފައިވަނިކޮށް ބްރޮޑްކޮމްއިން ވަނީ އެ ޑޮކިއުމަންޓަރީގައި ގެނެސްދީފައިވާ ބައެއް މައުލޫމާތުތަކުން ބައެއްގެ މަސްލަހަތަށް ފުށު އަރާ ކަމަށާ އަދި ޑޮކިއުންމަންޓްރީގައި ގެނެސްދީފައިވާ ހާދިސާގެ ވިކްޓިމްގެ ހައްގުތަކަކަށްވެސް އުނިކަން އަންނަ ކަމަށް ނިންމާފައިއެވެ. އެހެންކަމުން އެފަދައިން ހުރި ބައިތައް އުނިކުރުމަށް ބްރޮޑްކޮމްއިން އަންގާފައިވާތީ އެ ބައިތައް އުނިކުރުމަށް ފަހު ޑޮކިއުންމަންޓްރީ އަލުން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓީމް ތަރޓީން އިން ވިދާޅުވެފައެވެ.
ޗެނަލް ތޭރައިން ހާމަކުރި ގޮތުގައި މިފަހަރު އޮން އެއަރ ކުރުމުގެ ކުރިން މުޅި ޑޮކިއުމަންޓްރީ އެއްކޮށް ބެލުމުގެ ފުރުސަތު ބްރޮޑްކޮމް މެމްބަރުންނަށްވެސް ދެއްވާނެއެވެ.
"ބެލްކަނީ" ޑޮކިއުންމަންޓްރީއަކީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު މާލެގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަންޏަކުން ވެއްޓި ނިޔާވި ވިފާގު އިބްރާހިމު އަދްނާނުގެ މަރާ ގުޅުން ހުރި އެތައް މައުލޫމާތުތަކެއް ސަރުކާރުން ސިއްރުކޮށްފައި އޮތުމުން އެ މައުލޫމާތުތައް ހާމަކޮށް ގެެނެސްދިން ޑޮކިއުމަންޓްރީއެކެވެ.
އެގޮތުން އެ ޑޮކިއުންމަންޓްރީ އޮކްޓޯބަރު 2024، 5 ވަނަ ދުވަހުގެރޭ އޮން އެއާކޮށް ބްރޮޑްކާސްޓުކުރުމާ އެކު ބްރޮޑްކޮމްއިން ވަނީ ޖެހިގެން އައި ދުވަހު ޗެނަލް13އަށް ސިޓީއެއް ފޮނުވާ އެ ކޮންޓެންޓު ވަގުތީ ގޮތުން ދެއްކުން މަނާކޮށް ސޯޝަލް މީޑިޔާގެ ޕްލެޓު ފޯމުތަކުންވެސް ކޮންޓެންޓު ނެގުމަށް އަންގާފައެވެ. އަދި ޑޮކިއުންމަންޓްރީއާ ގުޅިގެން ބްރޮޑްކޮމް އިން މައްސަލަ އެއް ބަލަމުންދާތީ މައްސަލަ ނިމެންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް އަންގާފައިވެއެވެ.
މައްސަލަ ބަލާނީ އަވަސް މައްސަލައެއް ގޮތުގައި ކަމަށް ބްރޮޑްކޮމްއިން ކުރިން ބުނި ނަމަވެސް މައްސަލަ ބަލާ ނިންމާފައިވަނީ އަހަރަކާ ގާތްވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
ވިފާގުއަކީ މަޖިލިސްގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ދޮންދަރިއެކެވެ.