

ގަތަރުގެ ވެރިރަށް ދޯހާއަށް ނިރުބަވެރި ސަހްޔޫނީން ހަމަލާ ދީފިއެވެ.
ސަހްޔޫނީން ހާމަކޮށްފައިވާ ގޮތުގައި އެ ހަމަލާ ދީފައިވަނީ ހަމާސްގެ މަތީ ފަޑީގެ ވެރިންނަށް އަމާޒުކޮށް ކަމަށެވެ.
ސަހްޔޫނީންގެ ދާހިލީ ސަލާމަތީ އިދާރާ ޝިން ބެޓްއާ ގުޅިގެން އެގައުމުގެ ވައިގެ ސިފައިން ގަތަރުގެ ވެރިރަށް ހަމަލާދީ ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދު އަލް އަންސާރީ އަލްޖާޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ބައެއް މެމްބަރުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދިން ހަމަލާ އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި އެއީ ގަތަރުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ގަތަރުން ވަނީ މިފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި ސަރަހައްދީ ސަލާމަތަށް ނުފޫޒު ފޯރުވައި، އެ ގައުމުގެ ސަލާމަތާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
މި މައްސަލަ އެންމެ މަތީ ފެންވަރުގައި ތަހުގީގު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.