theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހުކުރު ޚުތުބާ / ސޯޝަލް މީޑިއާ
ހަބަރު
ނަމާދަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރުމަށް އާދަކުރޭ: ޚުތުބާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށް ހެދުމަށް އާދަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފިއެވެ.

މިއަދުގެ ޚުތުބާ "ނަމާދުގައި ޚުޝޫޢަތްތެރިވުން" މައްޗަށް އަލިއަޅުވާލާފައިވާއިރު ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާ އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށް ނެހެދުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ނަމާދުގެ އަޅުކަން ކުރާއިރު ވީހާވެސް ޚުޝޫއަތްތެރިވުމަށް ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ މިފަދައިން ކަންތައް ކުރުމުން އެމީހަކަށް ލިބޭ ޘަވާބުވެސް އިތުރުވެގެންދާނެ ކަމަށެވެ. ީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الرَّجُلَ لَيَنْصَرِفُ وَمَا كُتِبَ لَهُ إِلَّا عُشْرُ صَلَاتِهِ، تُسْعُهَا، ثُـمُنُهَا، سُبْعُهَا، سُدُسُهَا، خُـمُسُهَا، رُبُعُهَا، ثُلُثُهَا، نِصْفُهَا) މާނައީ: "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަބައިކުޅައެއްބައި، އަށްބައިކުޅައެއްބައި، ހަތްބައިކުޅައެއްބައި، ހަބައިކުޅައެއްބައި، ފަސްބައިކުޅައެއްބައި، ހަތަރުބައިކުޅައެއްބައި، ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ."

މީގެއިތުރުން، ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވާލުމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ކުރެވިދާނޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެއް ކަމަށާއި ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި ސޫރަތުލްފާތިޙާއާއި ކުރުސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޛިކުރުތަކާއި ދުޢާތަކުގެ މަނަވެސް ދަސްކުރުމަށް ގޮވާލާފައިވެއެވެ.

އީމާންވުމަށް ފަހު، އިންސާނާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމު ކަން މިއަދުގެ ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved