

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސަކަށް ދައުރު ނޫހުގެ އަހްމަދު ނާއިފްއާ، ނައިބަކަށް އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އިންތިހާބުކޮށްފިއެވެ.
އެ ޖަމިއްޔާއިން ރޭ ބޭއްވި ބައްދަލުވުމެއްގައި ނާއިފް ރައީސް ކަމަށް އިންތިހާބު ކުރީ 40 ވޯޓުންނެވެ. އޭނާ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ލިބިފައިވަނީ ދެ ވޯޓެވެ. އަދި އެ ބައްދަލުވުމުގައި ނައިބު ރައީސް އަކަމަށް ޝަހްޒާން އައްޔަން ކޮށްފައިވަނީ 33 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އަކަށް އިންތިހާބު ކޮށްފައިވަނީ މިހާރުގެ އެ ޖަމްއިއްޔާގެ ރައީސް އަލީ ރިފްޝާނެވެ. އޭގެ އިތުރުން ބަޖެޓު ސެކެޓްރީއަކަށް ހޮވުނީ 37 ވޯޓާއެކު ދައުރު ނޫހުގެ މުހައްމަދު އުސާމްއެވެ.
އެމްޖޭއޭގެ އަންހެން ދެ މެންބަރުންނަށް ހޮވުނީ އެމްވީ ޕްލަސްގެ ނަޝާމާ މުހައްމަދު އަދި މާއްދާ ހަތަރެއްގެ މަރިޔަމް ޒަހާ ހޮވުނުއިރު، އާންމު މެންބަރަކަށް އިބްރާހިމް މާހިލް ވަނީ ހޮވިފައެވެ.