

ނޫސްވެރިންނަށް ސެލްފު ރެގިއުލޭޓު ކުރެވެން އޮތް އޮތުން ޕީއެންސީގެ ސަރުކާރުން ނިމުމަކަށް ގެނައުމުން، ނޫސްވެރިންގެ އަމިއްލަ ނިޒާމެއް ގާއިމުކުރަން ނިންމައިފިއެވެ.
މިފަދަ ނިންމުމެއް ނިންމާފައިވަނީ، ގިނަ ނޫސްވެެރިންތަކަކާ ބްރޮޑްކާސްޓަރުންވެސް ހިމެނޭހެން، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ.
އެގޮތުން ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ނިންމާފައިވަނީ، "ފްރީ ޕްރެސް ކައުންސިލެއް" އުފައްދަން ފާސްކޮށް، އެކަމުގެ އިދާރީ މަސައްކަތްތައް ކުރަން ފަސް މެންބަރުންގެ ކޮމިޓީއެއް އުފެއްދުމަށެވެ. އޭގެ ފަހުން ވަނީ ކޮމިޓީއަށް މީހުން އައްޔަންވެސް ކޮށްފައެވެ.
އެ ކޮމިޓީގައި ހިމެނެނީ:
ދައުރު ނޫހުގެ އަހުމަދު ޒާހިރު (ހިރިގާ)
އެމްޖޭއޭގެ ކޮންސަލްޓަންޓު މުހަމަދު ޖުނައިދު
މިހާރު ނޫހުގެ މުހައްމަދު ހަމްދޫން
އައިޝަތު ޝިއުރާ
މިހާރު ނޫހުގެ ނާޒިމް ހަސަން އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ، މިނިވަން ނޫސްވެރިކަން ކަފުނަށް ހަދާ، ޚިޔާލާ ފިކުރުގައި ތަޅު އަޅުވަން ފާސް ކުރި ގާނޫނު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅުމާއި އަލަށް އުފައްދާ މީޑިއާ ކޮމިޝަންގެ އިންތިހާބު ބޮއިކަޓުކުރަން ބާރު އެޅުމަށްވެސް ފާސްކޮށްފައެވެ.
ހަމައެހެންމެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އާއި ނޫސްވެރިންގެ މުދަލަށް ގެއްލުން ދިން މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަން ފާސްކުރިއެވެ.