

މީޑިއާ ކޮންޓްރޯލު ކުރާ ގާނޫނާ ދެކޮޅަށް ނޫސްވެރިން ހިޔާލުފާޅުކުރަން ފެށުމުން، ނޫސްވެރިންނަށް އެކި ސިފަސިފައިގައި އިންޒާރު ދީ، ބިރުދައްކަމުންދާތީ މޯލްޑިވްސް ޖާނަަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިންނަށް ބިރުދައްކައި ބައެއް ނޫސްވެރިންގެ ފުރާނައަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް އެ ޖަމްއިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ 24ގެ ނޫސްވެރިޔާ ނަޒީމް ނައުުޝާދަކީ ރާއްޖެ އަދި އިންޑިއާއަށް ނިސްބަތްވާ މީހަކަށްވާތީ، އޭގެ ފައިދާ ނަގާ އޭނާގެ ފުރާނައަށް ބަޔަކު ސިޔާސީ މަގުސަދެއްގައި ގެއްލުންދޭނެކަމުގެ އިންޒާރު އެ ނޫހުގެ އީމެއިލްއަށް ކާކުކަން ނޭނގޭ އީމެއިލްއަކުން ފޮނުވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކޮންޓްރޯލު ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ކުރި ދުވަހެއްގައި އެ އޮފީހުގެ ގޭޓުތަކުން އަރަން އުޅުނު ކަމަށާއި މުލީއާގޭ ފާރުމަތިން ނޫސްވެރިން އަރަން އުޅުނު ކަމަށް ބުނެ، ސަރުކާރަށް ތާއީދު ކުރާ ބަޔަކު، ނޫސްވެރިންނަށް ދޮގު ތުހުމަތުތައްކޮށް ނަފުރަތު އުފައްދާފައިވާ ކަމަށް އެމްޖޭއޭ އިން ބުނެފައިވެއެވެ.
އެ ޖަމްއިއްޔާ އިން ބުނީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުން އަސްލު ޓީވީގެ ނޫސްވެރިޔާ ޒިދާނަށް ފުރައްސާރަ ކޮށްފައިވާ ކަމަށާއި އެމްޖޭއޭގެ އެކްސްކޯގައި ހިމެނޭ ބައެއް މެންބަރުންނަށް ބިރުދައްކައި އިންޒާރު ދެމުން ދާ ކަމަށެވެ.
އެމްޖޭއޭ އިން ބުނީ މި މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. މިއީ މިނިވަން ޑިމޮކްރެޓިކް ގައުމެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫންކަން އެ ޖަމްއިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޖޭއޭ އިން ބުނީ ފިއްތުންތަކަށް ބެލުމެއް ނެތި ކޮންޓްރޯލު ގާނޫނާ ދެކޮޅަށް އެ ޖަމްއިއްޔާ އިން މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ.