

މިނިވަން ޚިޔާލާ ފިކުރުގައި ތަޅު އަޅުވާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ގާނޫނަކަށް ހެދުމުން، މަދަނީ ބަސް ނޭހުމަކާ ދިމާއަށް މިސްރާބު ހިފާ "ފުލްސްޓޮޕް" މޫވުމަންޓު ނޫސްވެރިން ފަށައިފިއެވެ.
މި މޫވްމަންޓު ނުވަތަ ހަރަކާތް ފަށާފައިވަނީ ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން ރޭ އުސް ފަސްގަނޑު ސަރަހައްދުގައެވެ.
ރޭ 8:30 ގައި ފެށިގެން ދިޔަ މި ބޮޑު ހަރަކާތުގައި ގިނަ އަދަދެއްގެ ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވެފައިވާއިރު، އެމޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން ބުނި ގޮތުގައި މިއީ ވަރަށް ބޮޑު އިންގިލާބީ ހަރަކާތެއްގެ ފެށުން ކަމަށެވެ.
އެގޮތުން ހިޔާލު ފާޅުކުރުމުގެ ހައްގުތަކުގެ ދިފާއުގައި މީގެ ކުރިން ނޫސްވެެރިން އިއްވަމުންދިޔަ އަޑު ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އަސާސީ ހުރިހާ ހައްގުތަކެއްގެ ދިފާއުގައި އުފުލާނެކަން ފާހަގަކޮށް ޝަހްޒާން ބުނެފައިވަނީ، އެ ހަރަކާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވާނެކަމަށާ މިއަދު އެކުގައި ނޫސްވެރިން ތެދުވަނީ ގައުމުގައި ހިނގާ ވައްކަމާއި ފަސާދާގައި ފުލްސްޓޮޕް ޖަހަން ކަމަށެވެ.
ހަމައެހެންމެ މިއަދު ނޫސްވެރިން ތެދުވަނީ ވެރިންގެ އަބުއި ކަމާއި އާދަޔާ ހިލާފު ބާރުވެރިކަމުގައި ފުލުސްޓޮޕް ޖަހަން ފާހަގަކޮށް ޝަހްޒާން އިތުރަށް ހާމަކުރި ގޮތުގައި، ނޫސްވެރިން ބިރު ފަހަނަ އަޅާ ގޮސް މިތެދުވަނީ ވެރިން ކުރާ ބޭކާރު ހަރަދުތަކާއި ނާޖާއިޒް ފައިދާ ނެގުމުގައި ފުލްސްޓޮޕް ޖަހަން ކަމަށެވެ.
އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމްއިއްޔާތަކުން ވެސް އެ ހަރަކާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި މީޑިއާ ބިލަކީ ސަރުކާރުގެ ވައްކަންތަކުގެ ވާހަކަ ދައްކާތީ އެ އަޑު ކަނޑުވާލަން ތައްޔާރުކުރި ގާނޫނެއް ކަމަށްވާތީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ވެސް ޝަހްޒާން ވަނީ ހާމަކޮށްފައެވެ،
ރޭގެ ހަރަކާތާ އެކު 'ފުލްސްޓޮޕް މޫވްމަންޓް' ގޮތުގައި މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ހަރަކާތެއް ވުޖޫދުވެގެން ދިޔައީއެވެ.
މި ހަރަކާތުގައި އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފު ބުނީ، ތާހިރު ވެރިކަމެއް ގާއިމުކުރުމަކީ ފުލްސްޓޮޕް މޫވުމަންޓުގެ އެންމެ ބޮޑު މަގްސަދު ކަމަށެވެ. ރާއްޖޭގެ އެކި މައްސަލަތަކަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމާއި ޒުވާނުންގެ މެނިފެސްޓޯ އަދި އެކަންކަމަށް ގެންނަން ބޭނުންވާ ހައްލުތައް ދެނެގަނެ، އެ އަޑުތައް އެ ހަރަކާތުގައި އިއްވައި ކުރިއަރުވާނެ ކަމަށްވެސް ނާއިފު ބުނެފައިވެއެވެ.
ނާއިފް މިކަން ފާހަގަކޮށްފައިވާއިރު، މިނިވަން ނޫސްވެރިކަން މަރާލާ ކަފުންކުރުމުގެ ތެރެއިން ރައީސް މުއިއްޒު އުފައްދަވާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކޮށް، ނޫސްތައް ރެގިއުލޭޓް ކުރަން އަމިއްލަ ނިޒާމެއް އެކުލަވާލަން އެމްޖޭއޭއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެކި ނޫސްތަކާ ބްރޮޑްކާސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްފައެވެ. މިއީ ގާނޫނު އަސާސީ އާއި ބެސްޓް ޕްރެކްޓިސްއާ ހިލާފު ގާނޫނެއްކަން ފާހަގަކޮށް، މި ގާނޫނު ބާތިލުކުރަން ކޯޓަށް ދާން ވެސް އެ ޖަމްއިއްޔާއިން ވަނީ ނިންމާފައެވެ.