

ޕީއެންސީ ޕީޖީ ލީޑަރު އަދި އިންގުރައިދޫ ދާއިރާގެ މެމްބަރު، ސަރުކާރުގެ ބޮޓު، އިބްރާހިމު ފަލާހުއަކީ މަގާމު ހޯދުމަށަ އަދި މަގާމު ދިފާއުކުރުމަށް އެކްޓުކުރަން މޮޅު މީހެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މީޑިޔާ އުލު ބައިންދަން ފަލާހު ގޮވާލުމުން އޭނާއާ މެދު ދައުވާ ކުރުމާ މެދު ޕީޖީގެ ޚިޔާލަކަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވި ފޮނުވުމުގެ ޖަވާބު ދެ ހަފްތާ ވެގެން ދިޔައިރުވެސް ޖަވާބެއް ދީފައިނުވާތީ އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ޑރ ޖަމީލުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ފަލާހުގެ މައްޗަށް ޖިނާއީ ތަޙްގީގު ހިންގަން ހުރަހެއް ނެތް ކަމަށާ މިހާރު މަައްސަލަ ނުބެލުމަކީ ފަހުން އެ މައްސަލަ ކުރިއަށް ގެންދަން އޮތް ހުރަހެއް ވެސް ނޫން ކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ކީރިތި ގުރުއާނުގައި ދޮގުހަދާ މީހުންނާ އަނިޔާ ވެރިންނަށް اللهގެ ލަޢްނަތް ލިބިގެންވާކަމަށް ވަޙީ ކުރައްވާފައިވާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ފަލާހަކީ الله ގެ ލަޢްނަތަށް ބިރުވެތިވުމެއް ނެތި އަނިޔާވެރިކަމަށް ގޮވާލާ މީހެއް ކަމަށާ ފަލާހަކީ اللهގެ ލަޢްނަތަށް ބިރުވެތިވުމެއް ނެތި މުޠްލަގަށް ދޮގު ހަދައި އެ ވިއްކައިގެން ދިރިއުޅުމާއި މަގާމު ހޯދައި އަދި އެމަގާމު ދިފާޢުކުރާ "އެކްޓަރެއް" ކަމަށެވެ.