

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަކީ މިފަހުން ފެނުނު އެންމެ ފެންވަރު ދަށް ވެރިކަން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސ ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެވެ.
ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް 02 އަހަރު ވާން ކައިރިވެފައިވާއިރު ގައުމު ވީރާނާ ވެއްޖެ ކަމަށާއި ވެރިއެއްގެ ހައިޘިއްޔަތުން މިހާތަނަށް ރައީސް މުއިއްޒު ވެފައިހުރީ ތާކުންތާކު ނުޖެހޭފަދަ ވައުދުތަކެއް ކަމަށެވެ.
ދައުލަތުގެ ތެރޭގައި ފެތުރިފައިވާ އޮތީ މި ގައުމުގައި މިހާތަނަށް ނުފެތުރޭ ވަރަށް ވައްކަމާއި ކޮރަޕްޝަން ކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް މުއިއްޒަަށް ކަށަވަރު ނުކޮށްދެވޭ އިރުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ވެރިކަމުގެ ނިޒާމު ގަޑުބަޑުކުރުމަށް ކަމަށެވެ.
މުއިއްޒުގެ ވެރިކަމަކީ މިފަހުން ފެނުނު އެންމެ ފެންވަރު ދަށް ވެރިކަން. މިހާ ހިސާބަށް ވެރިޔެއްގެ ގޮތުގައި ވަޢުދުވެފައި ހުރީ ތާކުން ތާކު ނުޖެހޭ ކަންތައް.
— Mohamed Jameel Ahmed (@MJameelAhmed) September 15, 2025
ދައުލަތުގެ ތެރޭގައި ފެތުރިފައި އޮތީ އާދަޔާ ޚިލާފު ބޮޑު ކޮރަޕްޝަން. ގާތްގަޑަކަށް 2 އަހަރުވާން ދާއިރު، ގައުމު ވިރާނާވެއްޖެ.… pic.twitter.com/lCvk1BH1jH
މީގެ އިތުރުން، ގާނޫނު އަސާސީއަށް ބޭކާރު އިސްލާޙުތައް ނުގެނެސް، ރާއްޖޭގެ މިނިވަން މީޑިއާތަކުގެ ޙައްގުތައް ނިގުޅައިގަތުމަށް ދައުލަތުގެ ހަކަތަ ހުސްނުކޮށް ގައުމަށް ދިމާވެފައިވާ އަސްލު ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް ޑރ. ޖަމީލް ވަނީ ރައީސް މުއިއްޒަށް ގޮވާލާފައެވެ.
ސަރުކާރުގެ ތެރޭގައި އިލްމީ ބޭފުޅުންތަކެއް ނެތް ކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ ވެރިކަމުގެ ހާލަތު ބަދަލުވާން ވަގުތުތަކެއް ނުނަގާނެ ކަން އަވަށްޓެރި ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކަށް ބަލާލުމުން ހާމަވެގެންދާނެ ކަމަށެވެ.
ވެރިކަމުގެ ބާރު ފެށި ނިމެނީވެސް ރައްޔިތުންގެ ކިބައިން ކަމަށާއި ރައްޔިތުންގެ ދޫތައް ބަންދުކުރަން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާއިރު ރައްޔިތުން މަޑުން ނުތިބޭނެކަމަށްވެސް ޑރ ޖަމީލްވަނީ ރައީސް މުއިއްޒަށް ގޮވާލާފައެވެ.
އަމިއްލައަށް ތިމާމެންގެ ‘ކައްވަޅު’ ނުކޮންނަން ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ހަނދާންކޮށްދީފައެވެ.