

މީޑިޔާ ރެގިއުލޭޝަންގެ ނަމުގައި ކުރިއަށް ގެންދަނީ ބޮޑު މަސާލާ ގަނޑެއް ކެއްކުމުގެ މަސައްކަތްކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ނުރުހުން ރައްޔިތުންގެ މަޖިލީހަށާ ސަރުކާރުގެ ވެރިންނަށް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ބިލު ފާސްކުރަނީ އަބުރު ރައްކާތެރިކޮށް ދޮގު ހަބަރު ފެތުރުން ހުއްޓުވަން ކަމަށް ބުނާއިރު މިހާރުވެސް އަބުރު ރައްކާތެރި ކުރެވެން ގާނޫނުން އޮތްކަމަށެވެ. މީގެ އިތުރުން އަބުރު ރައްކާތެރިކުރަން ކަމަށްބުނެ ނޫސްވެރިންގެ އަތްތައް ބަނދެލަން ކުރާ މަސައްކަތަކީ ކޮރަޕްޝަން ރިޕޯޓުކުރާތީ ކުރާކަމެއް ކަމަށާ އަބުުރު ރައްކާކުރަން ކަމަށް ބުނާ ޕީއެންސީ އަކީ މީހުންގެ އަބުރަށް ނަރާ ތިބި މެމްބަރުން ތިބި ތަނެއްތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިޔާ ރެގިއުލޭޝަންގެ ނަމުގައި އުޅެނީ މުޅިން ހަވާދުގަނޑެއް ކައްކާ ކޮރަޕްޝަންއާ ވައްކަން އޮއްބާލެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބެ އެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ވައްކަމާ ކޮރަޕްޝަން ހިންގާ ނަމަ އެވާހަކަ ދައްކާ ޖަވާބުދާރީ ކުރވެން ޖެހޭނެ ކަމަށާ އެކަން ކުރަން ވެސް ކުރާނެ ކަމަށެވެ.