March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައީސް އޮފިސް

ފެންނަ ނުފެންނަ ވޯޓު ނެގުމަށް އުފައްދަން ޖެހޭ ގާނޫނު ހެދުމުގެ ބިލު ރައީސް ތަސްދީގުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 03:56 AM
މާލެ ސިޓީ

ފެންނަ ނުފެންނަ ވޯޓު ނެގުމަށްޓަކައި އުފައްދަން ޖެހޭ ގާނޫނު ހަދަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ރައީސް މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

Advertisement

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ޖުލައި މަހުގެ ހަތްވަނަ ދުވަހު ހުށަހެޅުއްވި މި ބިލު އެ މަހުގެ ނުވަ ވަނަ ދުވަހު ކޮމިޓީއަށް ފޮނުވާފައިވާއިރު ކޮމިޓީން ބިލު ދިރާސާކުރި މަރުހަލާގައި ވަނީ ކުދި ބަދަލުތަކެއް ގެނެސްފައެވެ.

އޭގެ ތެރޭގައި، އާންމު ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް މީގެ ކުރިން އޮތް އޮތުން ބަދަލުކުރުން ހިމަނާފައިވެއެވެ.

އިއްޔެ މި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، މިއަދު ރައީސް މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވާފައެވެ.

އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފައެވެ.

އާއްމު ވޯޓު ނެގޭނެ ކަންކަން

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
  • ގައުމީ މުހިންމު މައްސަލަތައް
  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު
  • ރިޔާސަތުގެ ދައުރު
  • ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
  • ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
  • ދިވެހިރާއްޖޭގެ ސަރަހައްދު

ފާހަގަކުރެވޭ ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވާއިރު ރައީސް މުއިއްޒު އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved