theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު މެއި މަހު މީޑިއާ ފެންޑާ ހުޅުއްވައިދެއްވަނީ / ރައީސް އޮފިސް
ހަބަރު
މިނިވަން މީޑިޔާ ކަފުންކޮށް ވަޅުލާ ބިލު ތަސްދީގު ނުކުރަން ސީޕީޖޭއިން ރައީސް މުއިއްޒަށް ގޮވާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
17 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ދިވެހި ރާއްޖޭގައި މިނިވަން މީޑިއާ ކަފުންކޮށް ވަޅުލަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.

ސީޕީޖޭއިން މިފަދައިން ގޮވާލާފައިވަނީ އެ ޖަމްއިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.

ޕޯސްޓުގައިވަނީ ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއަޅާ، ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ނޫސްވެރިން ގެނައުމަށް ބާރުދޭ ބިލު ފާސްކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ވެވަޑައިގެންނެވި ވައުދު ދަމަހައްޓާ ކޮންޓްރޯލު ބިލު ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށް ރައީސް މުއިއްޒަށް ސީޕީޖޭ އިން ގޮވާލާފައިވެއެވެ.

މިނިވަން މީޑިޔާ ކަފުން ވަޅުލަން އިއްޔެ މަޖިލީހުން ބިލެއް އަވަސް އަރުވާލައިގެން ފާސްކުރިއިރު، އެކަމުގެ ކަންބޮޑުވުން އެތައް ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުންނާ ރާއްޖޭގެ ނޫސްވެރިންގެ ބެލެނިވެރި ފަަރާތްތަކުްނނާ އަދި ކުރީ ޕީޖީއިންނާ އޭޖީއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިއްޔެ ނެގި ވޯޓުގައި މަޖިލީހުން މި ބިލު ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ވޯޓަށް އެހީ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވުމުން އެ ޕާޓީގެ ޕީޖީ ގްރޫޕް މަޖިލީސް ދޫކޮށް ނުކުތް ފަހުންނެވެ.

ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ސަރުކާރުން ބުނަމުން ދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.

އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.

ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގައެވެ.

އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved