

ރައީސް ޑރ މުހައްމަދު މުއިއްޒު ވިސްނަވަނީ އެހެން މީހެއްގެ ސިކުނޑިންގެ ކަމާ މެދު އެމަނިކުފާނު ދައްކަވާ ވާހަކަތަކުން ސުވާލު އުފެދޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މީޑީޔާ ރެގިއުލޭޝަން ބިލުގެ ނަމުގައި މިނިވަން ޚިޔާލާ ފިކުރު ތަޅު އަޅުވާ ބިލެއް ގާނޫނަކަށް ހެދުމަށް ފަހު އެކަން ދިފާއު ކުރައްވާ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަމުންދާ ކަމަށެވެ.
އެގޮތުން އަތޮޅުތެރެއަށް ވަޑައިގެންވެސް އެ ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް މުޚާތަބު ނުކުރައްވާ މުޅިންވެސް ދައްކަވަނީ ނޫސްވެރިންނާ މީޑިޔާ ބިލުގެ ވާހަކަ ކަމަށާ އެގޮތުން އެމަނިކުފާނު ގެންދަވަނީ، ގާނޫނުގައި އޮތީ ސާބިތު ނުކުރެވޭނެ ވާހަކަ ނުދެއްކޭނެ ހެން ކަމަށާ އެހެން ހުރިހާ ވާހަކައެއްވެސް ދެއްކޭނެ ކަމަށް އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން އަތުލާފައި އޮތް އެއްވެސް މާއްދާއެއް ނޯންނާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވި، ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޫސްވެރިން ލިޔާ ޚަބަރުތައް ސާބިތުކޮށްދޭން ހެކި ހުށަހަޅަން ނުޖެހޭ ކަމަށާ، އެގޮތުން ދައުލަތުގެ ވެރިން ކުރާ ވައްކަންތަކުގެ ރަސީދު ފަދަ ތަކެތި ހޯދާނެ ގޮތެއް ނޯންނާނެ ކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު މިފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ އެހެން މީހެއްގެ ސިކުނޑިން ވިސްނައިގެން ކަމާ މެދު ސުވާލު އުފެދޭ ކަމަށާ، ބޮޓޭކޯމެން ފަދަ މަޖިލިސް ރައީސްމެން ފަދަ ބޭބޭފުޅުން ވެސް ވާހަކަ ދައްކާއިރު އެމީހުން ވެސް ވިސްނަނީ އެހެން މީހުންގެ ސިކުނޑިން ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީޑޔާ ބިލުގެ އުޒުރެއްގެ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ދައްކަވަނީ އަބުުރު ރައްކާތެރިކުރުން ކަމަށްވާއިރު، އެމީހަކު އެމީހެއްގެ އަބުރު ރައްކާތެރިކުރާނަމަ އެހެން މީހުންނަށް އެ އަބުރުގެ ވާހަކަ ދައްކަން ޖާގަ ނުލިބޭނެ ކަމަށެވެ.