ބިލު ފާސްކުރި ނަމަވެސް މީހުންގެ ކަންތައްތަކާ ހަވާލުވެ ތިބި ވެރިން ކުރާ ވަންކަންތަކާ ހިންގާ ކޮރަޕްޝަންގެ ވާހަކަ ޕީއެންއެފުން ދައްކާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީޑީޔާގެ މިނިވަންކަން ނެތިކޮށްލާ ބިލުގެ މުޅި މަގްސަދުގެ ގޮތުގައި ނުވަތަ ރެޝްނާލްގެ ގޮތުގައި އޮތީ އަބުރު ކަތިލުން ހުއްޓުވުން ކަމަށް ވާއިރު، މީހުންގެ އަބުރު ރައްކާތެރި ކުރުމުގެ މައްސަލަ ޕީއެންއެފްގައި ނެތް ކަމަށެވެ.
ނަމަވެސް މީހުންގެ ކަންތައްތަކާ ހަވާލުވެ ތިބި ވެރިން ކުރާ ވަންކަންތަކާ ހިންގާ ކޮރަޕްޝަންގެ ވާހަކަ ޕީއެންއެފުން އެ ވާހަކަ ދައްކާނެ ކަމަށާ އެއީ މާތް ﷲ މީހަކަށް ދެއްވާފައި އޮތް އަބުރު ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. ވެރިން މަގުން ކައްސާލައިގެން ދިއުމުން ހަނދާން އައުކޮށްދިނުމަކީ އެއީ ހަމައެކަނި ދީނީ އިލްމުވެރިންގެ މައްޗަށް އެކަނި އޮތް ޒިންމާ އެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ވަޑިންގެ ގޮތުގައި މަސައްކަތްކުރި މީހުންވެސް ދެ އަހަރުގެ ތެރޭގައި ބޮޑެތި މިލިއަނަރުންނަށްވެ ގިނަ ބިންތަކެއްގެ ވެރިންނަށްވުމުން އެ ވާހަކަ ކޮންމެ ބަޔަކުވެސް ދައްކާނެ ކަމަށާ ސައްހަގޮތުގައި އޮތްކަމެއް ނަމަ އެ ވާހަކަތަކަށް ޖަވާބުދާރީވުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފްރީޑޮމް އޮފް އެކްސްޕްރެޝަން ހަނި ކުރެވޭނީ ގައުމީ ބޮޑު ހާލަތެއް އައިސްގެން، އެފަދަ ހާލަތެއް މެދުވެރި ނުވާ ކަމަށެވެ.