

މީޑިއާތައް ކޮންޓްރޯލް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އޮފީހެއް އުފައްދައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު" ރައީސް މުއިއްޒު އިއްޔެ ތަސްދީގުކުރެއްވުމަށްފަހު ރައީސް އުފެއްދި މި އޮފީހަކީ މި ބިލު ބޭނުންކޮށްގެން މީޑިއާތަކުގެ މިނިވަންކަން ހަނިކޮށް މީޑިއާތަކުގެ ފުލް ކޮންޓްރޯލް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރުމަށް އުފެއްދެވި އޮފީހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މީޑިއާ ބިލަކީ މިދިޔަ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި 60 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ބިލެކެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
އެ ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިހާރުން ފެށިގެންވަނީ އަމަލުކުރަން ފަށައިފައެވެ. އަދި މި ގާނޫނާއެކުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ މަގާމުތައް ވަނީ ގެއްލިފައެވެ.
އެ ގާނޫނުގެ މަގްސަދެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ކަމަށްވީ ނަމަވެސް މިއީ ސަރުކާރުން ވަކި ސިޔާސީ ބޭނުންތަކެއް ހާސިލުކުރުމަށް ނިންމެވި ނިންމެވުމެއްކަން ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ.
މީޑިއާ ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށް ބުނެފައިވެއެވެ.