

މިނިވަން މީޑީޔާ ނެތިކޮށްލާ ވަޅުލާ ބިލު ތަސްދީގުނުކުރުމަށް އެދި މޯލްޑީވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.
ރައީސަށް ސިޓީ ފޮނުވުމަށް ފަހު އެމްއެމްސީއިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އެމްއެމްސީން ބުނީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" މަޖިލީހުން ފާސްކުރުމުން ކަންބޮޑުވާ ކަމަށެވެ. ބިލު ތަސްދީގު ނުކުރައްވަން އެދި ރައީސަށް ސިޓީ ފޮނުވީ އެކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި ފާސްކޮށްފައިވާ ބިލަކަށް ވާތީ ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައި ގިނަ ބައެއްގެ ބައިވެރިވުމާ އެކު ބިލު ދިރާސާކުރަން އެދުނު ނަމަވެސް ބިލު ފާސްކުރީ "މަރުހަލާތައް ނަމަކަށް ފުރިހަމަކޮށްގެން" ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި އެމްއެމްސީން ބުންޏެވެ.
މީގެ އިތުރުން އެ ބިލު އިއްޔެ ފާސްކުރީ ބިލު މަޖިލީހަށް ހުށަހެޅީއްސުރެ، އެ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، މި ބިލަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.
މީޑިއާ އާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާކޮށް މަޝްވަރާކުރުމަށާއި، ގިނަ ބައެއްގެ ބައިވެރިވުމާ އެކު ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ފެށުނީއްސުރެ އެދެމުން އައިކަން މީޑިއާ ކައުންސިލުން ފާހަގަކުރިއެވެ.
މިއަހަރުގެ ދެވަނަ ދައުރު ނިންމާލައި އޮގަސްޓް މަހުގެ މެދުތެރެއިން ޗުއްޓީއަށް ދިޔަ މަޖިލީހުން ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ބިލުގެ މަސައްކަތް ކުރިއަށް ގޮސް ނިންމާލުމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިވެގެން އަންނާނެ ކަމަށް، އެ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައެވެ.
މީޑިއާ ބިލު ގާނޫނަކަށް ވެއްޖެ ނަމަ މީޑިއާ ރެގިއުލޭޓްވުމުގެ ބަދަލުގައި ކޮންޓްރޯލުކުރެވިގެންދާނެ ކަމަށް ވެސް ބަޔާނުގައި އެ ކައުންސިލުން ބުންޏެވެ.