ގައުމުގައި ކަން މިއަދު ހިންގަމުންދާ ގޮތާ، ދީނުގައި އޮތް ގޮތް ވަންހަނާކޮށް ބަސްބުނުމުން އެކަހެރިވެވަޑައިގެން ހުންނެވީތޯ އައްސަވާ ޝައިޚު މުހައްމަދު ލަތީފަށް، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ސުވާލެއް އަމާޒު ކުރައްވައިފިއެވެ.
ޑރ މުހައްމަދު އިޔާޒު، މިސަރުކާރަކީ ދެއްކުންތެރިކަމުގައި ޙައްދުފަހަނަ އަޅާފައިވާ ސަރުކާރެއް ކަމަށާ ދީންވެރިކަމަށް ދެއްކި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރު އިބްރާޙިމު މުހައްމަދު (ޖަނާބު)މެން ފަދަ މީހުން މެދުވެރިކޮށް މީހުން ހައްލުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް، މިއީ ދީނީ ސަރުކާރެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފައިވާތީ އިސްލާމީ މަރުކަޒުގެ އެންމެ އިސް އިމާމު، ޝައިޚު ލަތީފު (ފަސްޓު ލޭޑިގެ ބޮޑު ބޭބެ) ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
ޝައިޚު ލަތީފު ޑރ އިޔާޒަށް ރައްދު ދެއްވުމަކީ، ގައުމުގެ ކަންކަން ހަމަމަގުން ކައްސާލައިގެން ދާއިރު ބަސް ނުބުނެ ހުރެ ކުރުން ލަދުވެތިކަމެއްގެ ގޮތުގައި ޑރ ޖަމީލު ވަނީ ސިފަކުރައްވާފައެވެ.
އެގޮތުން ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސޫލާ ޞޢޥގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވާ ގޮތުގައި ޙައްގު ގޮތް ޚިޔާރުކުރުމާއި ކިތަންމެ ގާތް މީހަކުގެ ޙައްގުގައިވެސް ގޯސްތަކުގައި ވަކާލާތު ނުކުރުން ދީނުގައި އޮންނަ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާކަން ފާހަގަކޮށް ޑރ. ޖަމީލު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ހުސްގޮނޑި ދައްކާ ރައްޔިތުންނަށް އެވައުދުތައް ޑރ މުއިއްޒުވީ ކަމަށާ އެއީ ދީނީ ގޮތުން ބަލާއިރު ފުއްދަންޖެހޭ އަމާނާތެއް ކަމަށެވެ،
މިސަރުކާރުން ރައްޔިތުންނަށް ވަރަށް އަނިޔާ އެބަ ކުރާކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ، ގާނޫނުތަކުން ދުލާ ގަލަމުގެ ޙައްގު ނިގުޅައިގަތުމާ، ރައްޔިތުންގެ ވެރިކަމުގެ ބާރުތައް ނެގުމާ، މީހުންގެ މެދުގައި ތަފާތު ކުރުމާ، ސިޔާސީ ގޮތުން މަގާމުތަައް ދީ ނާޖާއިޒު ފައިދާ ނެގުމާ، ބައިތުލް މާލުގެ ބާރު ވެރިމީހާ ނެގުން ފަދަ ކަންކަން ކުރިއަށް ދަނީ ހާމަކަން ބޮޑުކޮށް ފާޅުގައި ކަމަށެވެ.
އެއީ ބަސް ބުނަން ޖެހޭ ކަންތައްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، މީގެ ކުރިން ޕީއެންސީ މީހުންނަށް ރަނގަޅު ނުވި ޔޯގާ ވެސް އެވެރިންގެ ވެރިކަމުގައި ފާހަގަކޮށްފި ކަމާ އޮރިޔާން ކަޝްފު ބޮޑީ ބިލްޑިންގ މުބާރާތުގައި ގުރުއާން ކިޔެވިކަމާ ތަންދޮރު ނުދަންނަ ދީނުގައި "ރުވައިބިޟާ" ގޮތުގައި ސިފަވާ އެތައް ބަޔަކަށް ބޮޑަތި މަގާމާ ފަނޑިޔާރުކަން ދީ ފަނޑިޔާރުގޭގެ ކޮންޓްރޯލް ވެސް ރައީސްގެ އަތްޕުޅަށް ނަގައިފި ކަމަށެވެ. މިކަންތައް ހިނގާއިރު ދީނުގައި ކަންތައް އޮންނަ ގޮތަށް ޢިލްމުވެރިން ބަސްވިދާޅު ނުވުމަކީ ޢިލްމު ފޮރުވުން ކަން ހާމަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ރަސޫލާ ޞޢޥގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވާ ގޮތުގައި ޢިލްމު ފޮރުވި މީހާ ގިޔާމަތް ދުވަހު އަލިފާނުގެ ލަގަނެއް އެޅުވޭނެކަމަށެވެ.
މިއަދު މީގެ ކުރީގެ ވެރިކަންތަކުގައި ގޯސްކަމަށް ބުނި ކަންތައް ހިނގާއިރު އަދި ފެންނަ ގޯސްތަކަށް ބަސް ވިދާޅު ނުވެވޭނަމަ ދިވެހި ގައުމުގެ ޒުވާން ޖީލު ދީނާމެދު ދެކޭނެ ގޮތާއި މެދު އައެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދޅާުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ އިޚްލާސްތެރި ޢިލްމުވެރިން ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ޙައްގު ބަސް ވިދާޅުވާނެކަމަށެވެ. އަބޫބަކުރުގެފާނާއި އުމަރުގެފާނު ޚުދު އެކަމަށް އެދިވަޑައިގަގެންނެވި ކަމަށާ ރައީސް މުއިއްޒަކީ ޝެއިޚު ލަތީފުގެ ޅިޔަނުކަމަށްވީ ހިނދު އެހެން ބަޔަކު ވެރިކަމުގައި ތިބިއިރު ބަސް ވިދާޅުވީ ޙަސަދައިން ކަމަށް މިއަދު ޑރ އިޔާޒަށް ރައްދު ދެއްވި ދެއްވުމުން މާނަ ނަގަންވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނުވަތަ މިއަދު ކަން ހިނގާ ގޮތާއިމެދު ދީނުގައި އޮތްގޮތް ވަންހަނާ ކުރަނީތޯ؟ އައްސަވާ ޑރ ޖަމީލު ވަނީ ޝައިޚު ލަތީފަށް ސުވާލެއް އަމާޒުކުރައްވާފައެވެ.