

ރައީސް މުހައްމަދު މުއިއްޒު ރަށް ރަށަށް ވަޑައިގެން ރިބަން ކަނޑުއްވަމުން ގެންދަވާ އޭޓީއެމް މަޝްރޫއަކީ އެމްޑީޕީ ސަރުކާރުގެ މަޝްރޫއެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު އަދި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ހާމަކުރެއްވީ ޗެނަލް 13 ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީއިން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރާ ކަމަށް ރައްޔިތުން ތުހުމަތު ކުރަމުންދާ ދިއުމާ ގުޅިގެން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ސަރުޚާރެއް އުފެދި އެ ސަރުކާރަކަށް ޕާފޯމު ކުރަން ވަގުތު ދޭން ޖެހޭނެ ކަމަށާ އެވަގުތު އެމްޑީޕީއިން ވެސް މި ސަރުކާރަށް ދިނީ ކަމަށެވެ. އަދި ސަރުކާރަށް އެއްވެސް މިންވަރަކަށް ޕޯފޯމު ނުކުރެވުމުން އެމްޑީޕީއިން ސަރުޚާރު ޖަވާބުދާރީ ކުރުވަން މި އަންނަ މަހު ނިކުންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމު އިތުރަށް ވިދާޅުވީ، ދިން ވަގުތުގައިވެސް ސަރުކާރުން ރައްޔިތަކަށް ކޮށްދިން ކަމެއް ނެތް ކަމަށާ، ޑިމޮކްރެސީ ގައުމަށް އައި ފަހުންވެސް އެންމެ ގިނަ ހިލޭ އެހީ ލިބުނު ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ފާހަގަވެގެން ދާއިރު، މި ސަރުކާރުން އެ ފައިސާތައް ބޭނުންކުރީ ތަޅާ ބުރުއްސާ ސަރުކާރުގެ ވެރިން ހިތް އުފާކުރުމަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމު ފަދަ މުހިއްމު ޕްރޮގްރާމުތައްވެސް ދައުލަތުގައި ފައިސާ ނެތިގެން ހުއްޓިފައިވާއިރު، މި ސަރުކާރުން ރަށް ރަށަށް ޒިޔާރަތްކޮށް އޭޓީއެމް ބަހައްޓަމުން ދިޔަ ނަމަވެސް އެއީ ރައްޔިތުން މާބޮޑަށް ހިތް އުފާވާނެ ކަމެއް ނޫން ކަމަށާ، އެ ބަހައްޓާ އޭޓީއެމްތަކުގެ ހަގީގީ މޭސްތިރިންނަކީ އެމްޑިޕީ ސަރުކާރު ކަމަށާ އެއީ ބީއެމްއެލައާ އެކު ނިމިދިޔަ ސަރުކާރުން އެކުލަވާލާ ނިންމާ ގެނެސްފައި ހުރި އޭޓީއެމްތަކެއް ކަމަށެވެ.
އާޒިމް ވިދާޅުވީ، މިއީ އެއްކަމެއްވެސް ވާ ސަރުކާރެއް ނޫން ކަމަށާ މި ސަރުކާރުގެ ވެރިންނަށް ކުރެވޭހާ ވެސް ކަމަކީ ފޮނި ބައިސާ ކެނޑުން ކަމަށެވެ.