
ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ފާހާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިންކާރުކޮށްފި ކަމަށް ރައީސް ނަޝީދުގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް ނަޝީދު އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިވަގުތު އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނަޝީދު ހުންނެވީ ނިއުޔޯކުގައެވެ.
މުއިއްޒުގެ ސަރުކާރުން ފާސްގެ މަސައްކަތްތަކަށް އިންކާރު ކުރެއްވިޔަސް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް އެ ތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް، އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެ ފާސް ހޯދުމަށް އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދައެއް ކަމަށްވެސް މި ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ނުވަތަ ފޮރިން މިނިސްޓްރީން ރަސްމީކޮށް މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ.










