ކުރިގެ ނައިބު ރައީސް އަހުމަދު އަދީބު އެމްއެމްޕީއާރުސީގެ ފައިސާއިން ބެހި ފައިސާގެ ބައެއް ތަފްސީލު ފެންނަން އޮތް އަދީބު ފައިލްސްއިން ހާމަވެގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންއަކީ މައުސޫމު ބޭފުޅެއްކަން ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ ޖަމީލު ވިދާޅުވީ، އަދީބު ފައިލްސްއިން ގިނަ ބައެއްގެ ފަސްބައި ހާމަވެގެން ހިނގައްޖެ ކަމަށާ އޭގެ ތެރޭގައި އަދުގެ މަތީ މަގާމުތަކުގައި ތިބި ގިނަ ބަޔަކުވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ހިސާބެއްގައި އެމަނިކުފާނުގެ މުވައްކިލު، ރައީސް ޔާމީންގެ ނަންފުޅު ނުހިމެނޭކަމީ އެއީ ރައީސް ޔާމީން ހަގީގަތުގައި ވެސް އެކަމުގައި ބައިވެރިނުވާކަމުގެ ދަލީލެއް ކަމަށެވެ.
ޑރ ޖަމިލު ވިދާޅުވީ ނަމަވެސް ފެނިގެން ދަނީ ގުޅުން ހުރި އެންމެންގެ މައްސަލަތައް އެއްފަރާތްކޮށް ހަމައެކަނި ރައީސް ޔާމީން ފްރޭމުކޮށް މައްސަލަތަކެއް ކުރިއަށް ގެންދާ މަންޒަރު ކަމަށާ ރައީސް ޔާމީންގެ ކުށެއް ނެތް ކަމަށެވެ.
ޑރ ޖަމީލު ވަނީ ގާނޫނީ ހުކޫމަތު ދަމަަހައްޓަން ވެސް ދައުލަތުން ރައީސް ޔާމީންގެ މައްސަލަ ގެންދަން ޖެހޭ ކަމަށެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާ ފަނޑިޔާރުގެ ތަކަށް ނުފޫޒު ފޯރުވުން ހުއްޓުމުން އެމަނިކުފާނު މިނިވަންވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިސްވެސް އެ މައްސަލަތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.