April 29, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ސަރުކާރުން އަނިޔާވެރިކޮށް އުޅޭނަމަ ލިބޭނީ ހުސް ނަފުރަތާ ރުޅިވެރިކަން: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 27, 2025, 07:44 PM
މާލެ ސިޓީ

ސަރުކާރުން އަނިޔާވެރިކޮށް އުޅޭނަމަ ލިބޭނީ ހުސް ނަފުރަތާ ރުޅިވެރިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އޮކްޓޯބަރު 03 ވަނަ ދުވަހު އެމްޑީޕީއިން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް ޕްރޮމޯޓް ކުރަން މާލެ ތެރޭ ދަމާފައި ހުރި ބެނާތައް މާލެ ސިޓީއިން ނަގަމުންދާތީ އެކަމަށް ފާޑު ވިދާޅުވެ ޑރ.ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިފެންވަރުގެ ދަށު ދަރަޖައިގެ އަމަލުތަކުން ސަރުކާރު މިހާރު އަރައިގަންނަން ވެއްޖެކަމަށެވެ.

ސަރުކާރަށް ސުޕަރ މެޖޯރިޓީ ލިބި ސަރުކާރުން ވެރިކަމުގެ ނިޒާމު ބޭނުންގޮތަކަށް އަނބުރަމުން ދާއިރު މިވަރުންވެސް ސަރުކާރަށް ނުފުދެނީތޯ ޑރ. ޖަމީލް ވަނީ އައްސަވާފައެވެ.

ދިވެހިރާއްޖޭގައި އޮތީ ޑިމޮކްރަސީ ނިޒާމެއް ކަމަށް ސަރުކާރުން ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި މިއީ އެންމެންގެ ގައުމުކަމަށްވާއިރު ހަމަހަމަ ކަމާއިއެކު އެންމެންނަށް ހައްގުތައް ލިބިދޭންޖެހޭނެ ކަމަށްވެސް ޖަމީލް ގޮވާލެއްވިއެވެ.

ސަރުކާރުން ގައުމަށް ޖައްސަމުންދާ ނިކަމެތި ހާލާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އެކަމާއި ދެކޮޅަށް އަޑުއުފުލާ ހަރަކާތްތައް ކުރިއަށް ގެންދާތީ އެކަންކަމަށް ސަރުކާރުން މިފަދައިން ހުރަސް އެޅިޔަސް ސަރުކާރު ދެކެ ބިރުން އެއްވެސް މީހެއް ނޫޅޭ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ފަހަތަށް ޖެހުމެއް ނެތި ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށާއި ސަރުކާރުން އަނިޔާވެރިވާ ވަރަކަށް ލިބޭނީ ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން ކަމަށް ޖަމީލް ވަނީ ހަނދާންކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved