
ރައީސް ޑރ މުހައްމަދު މުއިއްޒަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޮރަޕްޝަންގެ ކަންކަން ނުބެލޭނެ ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ގައުމުގައި ވައްކަމާ ކޮރަޕްޝަން އޮތް މިންވަރަށް ނަޒަރު ހިންގަވާލައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒާ ރައީސް އިބޫއަކީ ގުޅި ލާމެހިފައިވާ ދެ ބޭފުޅުން ކަމަށެވެ. އެގޮތުން ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ލިބުނު ގޮތް ރައީސް އިބޫއަށް އެނގޭ ކަމަށާ އެކަމަށް މަގު ކޮށައިދިނީ ރައީސް އިބޫ. ކަމަށެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފު މައްސަލައިގައި ތަޅުއެޅުވި ގޮތާ ރައީސް މުއިއްޒަށް ކުރެވުނު ޖިނާއީ ދައުވާއަށް ވީ ގޮތްވެސް އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ނުކުރި ގޮތާ، ނޫމަޑީ ކަންތައް ވީ ގޮތްވެސް ވަރަށް ސާފު ކަމަށެވެ.
ރައީސް ކަމުގެ ކުރިން ރައީސް މުއިއްޒު ގެންދިޔައީ ރައީސް އިބޫ ސަރުކާރުގެ ކޮރަޕްޝަން ތުހުމަތު މަޖްލިސް މެމްބަރުންނަށާ، ސިޔާސީ މީހުންނަށް އަމާޒުކުރަމުން ކަމާ، މަގާމުތައް ދިން އެތަކެއް ސަތޭކަ މީހުންތިބިއިރު ރައީސް އިބޫ ސަރުކާރުގެ ކޮރަޕްޝަނުގެ ފައިދާ ޕީއެންސީން ނެގި ކަމަށް ތަކުރާރުކޮށް ރައްޔިތުން ބުނަމުންދާ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ހެކި ވެސް ފެންނަ ކަމަށާ ޕީއެންސީއިން މިދިޔަ 2 އަހަރު އެޗްޑީސީ، ފެނަކަ، އެމްޕީއެލް، އެމްއޭސީއެލް ބޭނުން ކުރާގޮތް ވެސް އޮތީ ފެންނަން ކަމަށެވެ.
ރައީސް މުއިއްޒާ ރައީސް އިބޫގެ ތަފާތަކީ އޮޑިޓް އަދި ނިކުންނަ ގޮތަށް އޮތީ އިބޫ ސަރުކާރުގެ ކަން އެކަނި ކަމެވެ.










