theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ދައުލަތުން އެދޭ ގޮތަށް އައު ހެކި ހުށަހެޅުމަށް ފުރުސަތު ދީފިނަމަ ދުވަހަކުވެސް ރާއްޖެގައި ދެން ޝަރީއަތެއް ނުނިމޭނެ: ރައީސް ޔާމީންގެ ވަކީލު
Mariyam Isaadha
މަރިޔަމް އިސާދާ
29 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ދައުލަތުން އެދޭ ގޮތަށް އައު ހެކި ހުށަހެޅުމުގެ ފުރުސަތުދީފިނަމަ ދިވެހިރާއްޖޭގައި ދުވަހަކުވެސް ޝަރީއަތްތައް ދެން ނިމުމަކަށް ނާންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ވަކީލު، އަލްއުސްތާޛު ހަމްޒާ ލަތީފު ވިދާޅުވެއްޖެއެވެ.

ހަމްޒާ މިފަދައިން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވާ ރައީސް ޔާމީން ފްރޭމުކޮށް ކުރީ ސަރުކާރުން އުފުލި ދައުވާތަކާ އެކު ކުރި 11 އަހަރު ދުވަުގެ ހުކުމްގެ އިސްތިއުނާފު ދިގު ދެންމުމަށް ފަހު ހައިކޯޓުން އިއްވި ހުކުމްގައި އެ މައްސަލަ އަލުން ދަށު ކޯޓަށް ތަހުވީލުކުރުމުން، ދައުލަތުން އައު ހެކި ހުށަހަޅަން ބޭނުންވި ނަމަވެސް އެ ބައި އެއްކޮށް އެއްފަރާތް ކުރުމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން ދައުލަތުން ސުޕްރީމު ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުންތަކުގެ ފަހު އަޑުއެހުމުގައެވެ.

އެ މައްސަލައިގައި ފަހު ބަސްބުނުމާ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލު ހަމްޒާ ވިދާޅުވީ، ދިވްހިރާއްޖޭގެ ކޯޓުތަކަކީ ދައުލަތަށް ޝަރީއަތްތަކުގައި ހެދޭ ގޯސް ރަގަޅުކޮށްދިނުމަށް ރައުޔު ނެރެން ހުންނަ ތަންތަން ނޫން ކަމަށެވެ.

މީގެ އިތުރުން ހަމްޒާ ވިދާޅުވީ، ހައިކޯޓުން ވެސް އެ ހެކިތައް އެއްފަރާތްކުރީ، ރިބެޓްލް ހެކި ހުށަހެޅުމަށް އަމަލުކުރާނެ ވަކި އުސޫލެއް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަމަށް ހަމްޒާ ވިދާޅުވިއެވެ. އެހެންކަމުން އެ ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ވެސް ގޮތެއް ނުނިންމޭނެތީ، މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ގާނޫނުގައި ބުނާ ހަމަހަމަކަމުގެ ހައްގު ގެއްލޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ޝަރީއަތުގައި ނިންމާފައިވަނީ ހެކިން ހުށަހަޅާ ހެއްކަށް ރައްދު ދޭން ހުށަހެޅި ހެކި ވަޒަންކުރުމަށް އެއަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި، ދައުލަތުން އަމަލުކޮށްފައި އޮތް ގޮތުން ދައުވާ ލިބޭ ފަރާތުގެ ހައްގުތަކަށް އަސަރުކޮށްފައިވާކަން ވަކީލު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދައުލަތުން ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިނަމަ، ދަށު ކޯޓުގައި މައްސަލަތަކުގައި ކުރިއަށް ގެންދާ އިބްތިދާއީ މަރުހަލާ ނުވަތަ ހެކި ހުށަހެޅުމުގެ މަރުހަލާގެ ބޭނުމެއް ނެތް ކަމަށާ. އަދި އެފަދައިން ހުކުމްކޮށް ދެއްވައިފިނަމަ، ދެން ދުވަހަކުވެސް ރާއްޖޭގެ ދަށު ކޯޓުތަކުގައި ޝަރިއަތް ނުނިމޭނެ ކަމަށެވެ.

ދައުލަތުން ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިނަމަ، ދަށު ކޯޓުގައި މައްސަލަތަކުގައި ކުރިއަށް ގެންދާ އިބްތިދާއީ މަރުހަލާ ނުވަތަ ހެކި ހުށަހެޅުމުގެ މަރުހަލާގެ ބޭނުމެއް ނެތް، ދައުލަތުން އެ އެދޭ ގޮތަށް އައު ހެކި ބަލައިގަންނަން ހުކުމްކޮށްދެއްވައިފި ނަމަ، ދެން އިބްތިދާއީ މަރުހަލާގެ ބޭނުން ކެނޑުނީ، ދެން ދުވަހަލުވެސް އޭރުން މި ރާއްޖޭގައި ޝަރީއަތްތައް ނިމުމަކަށް ނާންނާނެ. އެއީ ޝަރީއަތުގެ ކޮންމެ ހިސާބަކުން ވެސް އައު ހެއްކެއް ލިބޭ އިރަށް ކޮންމެ މީހަކުވެސް ސުޕްރީމު ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް ދަށު ކޯޓަށް އައު ހެކި ހުށަހަމުން ދާނެތީ

- ވަކީލު ހަމްޒާ

ހަމްޒާ މިފަދައިން ވިދާޅުވެފައިވާއިރު، ދައުލަތުން ވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެނގޭކަމަށް ބަޔާންކޮށްފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ހައިކޯޓުން މައްސަލައިގެ ހެކިތައް އެއްފަރާތް ކުރީ މައްސަލައިގެ ހެކިތަކާއި ގުޅިގެން ހުށަހެޅި ހެކިތަކަށް ފަހުގައި، އެކަމާއި މެދު ރައީސް ޔާމީނާއި ޔޫސުފް ނައީމަށް ހުށަހެޅުންތައް ހުށަހެޅުމާއި، ބަހުސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ބަޔާންކޮށް ކަމަށެވެ.

އެހެންނަމަވެސް، އެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހައިކޯޓުގެ ނިންމުމާ އެއްގޮތަށް މި މައްސަލައިގައި އައު ހެކިތައް އެއްކިބާކުރުމުން ނާއިންސާފު ޙާލަތްތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހުނީވެސް ދިފާއުން ހުށަހެޅި ހެކިތައް ނަފީ ކުރުމަށްކަމަށް ވަކީލު ވިދާޅުވިއެވެ. އެ ހެކިތަކަކީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ދަށު ކޯޓުގެ އަޑުއެހުމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ ދިފާއީ ހެކިންގެ "ކްރެޑިބިލިޓީ" އާ ގުޅޭ ހެކިތަކެއްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދެ ފަރާތަށްވެސް ފުރުސަތު ދެއްވުމަށް ފަހު ރިޔާސަތުގައި އިްނެވި ފަނޑިޔާރު އައިޝާ ޝުޖޫނު ވިދާޅުވީ، ދެން އޮންނާނީ މައްސަލައިގައި ހުކުމްކުރުން ކަމަށާ ބައްލަވާނީ ވީހާވެސް އަވަހަށް ހުކުމްގެ މަޖިލިސް ބޭއްވުމަށް ކަމަށެވެ.

މިއަދުގެ އަޑުއެހުން ބާއްވާފައިވަނީ، މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފާތީ އިޖުރާއީ ގޮތުންނެވެ.


ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަވެސް އޮތީ މަޑުޖައްސާލާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.

އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved