އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި ނަމަވެސް އަލުން މައްސަލަ ބެލުމުގައި، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ދަށު ކޯޓަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރީ އާ ހެކިތައް އެއް ފަރާތްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ބައި އެކަނިއެވެ.
މީގެ ކުރިން އެ މައްސަލާގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން މިއަދުގެ އަޑުއެހުން ބޭއްވީ އިޖުރައާތު ފުރިހަމަ ކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލާގައި ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ.
ރައީސް ޔާމީންގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މައްސަލަ ހައި ކޯޓުން ނިމިގެން ދިޔައީ ދަށު ކޯޓުން މައްސަލަ އަލުން ބަލަންޖެހޭ ގޮތަށް ކަމަށެވެ. އަދި މިހާރު އާ ވާހަކަތަކެއް ހިފައިގެން ދައުލަތުން ސުޕްރީމް ކޯޓަށް ދިއުމުން މައްސަލަ ލަސްވެ އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ދައުވާ ލިބޭ ފަރާތްތަކަށް ކަމަށް ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުން ދަށު ކޯޓަށް އާ ހެކިތަކެއް ހުށަހެޅީ ވެސް އިޖުރައާތުތަކާ ހިލާފަށް އަދި ކަމާ ނުގުޅޭ މާއްދާއަކާ ހަވާލާދިނުމަށް ފަހު ކަމަށާއި އެކަމަށް ދިފާއީ ވަކީލުން ފުރަތަމަ މަރުހަލާގައި ވެސް އިއުތިރާޒުކުރި ކަމަށެވެ. ނަމަވެސް އެކަން ހައި ކޯޓުގައި ވެސް ދައުލަތުން ދިފާއު ކުރުމަށް ފަހު، މިހާރު ސުޕްރީމް ކޯޓުގައި ދައްކަނީ މުޅިން އާ ބަހުސެއްގެ ވާހަކަ ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.
އެ ހެކިތައް އުފަންވީ ކޮން އިރަކުންތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެ ހެކިތައް މައްސަލަ ފެށުނުއިރު ވެސް ހުރި ކަމަށެވެ.އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންކަމުން، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި ހުކުމް އިއްވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.