

އާރަށު މައްސަލައިގައި އައު ހެި ބަލައިގަނެވޭނެ ކަމަށް ކަނޑައަޅާ ދިނުމަށް އެދި ދައުލަތުން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވަނީ، އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާ މައްސަލައެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އާރަށު މައްސަލަ އަލުން ބަލަން ތަހުވީލުކޮށް އައު ހެކި އެއް ފަރާތްކުރުމަށް ހައި ކޯޓުން ހުކުމު ކުރުން އައު ހެކި ބަލައިގަނެވޭނެ ކަމަށް ކަނޑައަޅާ ދިނުމަސް އެދި ދައުލަތުން ސުޕްރީމު ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ފަހު އަޑު އެހުމުގައި ވާހަަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ނާކާމިޔާބުވުމުން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މުޅިން އާ ބަހުސެއް ހިފައިގެން ކަމަށެވެ. އަދި އެއީ އިސްތިއުނާފްގެ އޮޅިގަނޑު ގިރާ ކުރާނެ މައްސަލައެއް ނޫން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލު ވިދާޅުވީ މައްސަލަ ނުނިމި ލަސްވުމުގެ ގެއްލުން ލިބެނީ އެމަނިކުފާނުގެ މުވައްކިލު ރައީސް ޔާމީނަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި، މިގޮތަށް މައްސަލަ ލަސްވާ ލަސްވުމުގެ ފައިދާދޭންޖެހެނީ ދައުވާލިބޭ ފަރާތްތަކަށް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ދައުލަތުން ބުނާ ގޮތުގައި، ދައުލަތުން ވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެނގޭކަމަށް ބަޔާންކޮށްފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހައިކޯޓުން މައްސަލައިގެ ހެކިތައް އެއްފަރާތް ކުރީ މައްސަލައިގެ ހެކިތަކާއި ގުޅިގެން ހުށަހެޅި ހެކިތަކަށް ފަހުގައި، އެކަމާއި މެދު ރައީސް ޔާމީނާއި ޔޫސުފް ނައީމަށް ހުށަހެޅުންތައް ހުށަހެޅުމާއި، ބަހުސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ބަޔާންކޮށް ކަމަށެވެ.
އެހެންނަމަވެސް، އެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހައިކޯޓުގެ ނިންމުމާ އެއްގޮތަށް މި މައްސަލައިގައި އައު ހެކިތައް އެއްކިބާކުރުމުން ނާއިންސާފު ޙާލަތްތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހުނީވެސް ދިފާއުން ހުށަހެޅި ހެކިތައް ނަފީ ކުރުމަށްކަމަށް ވަކީލު ވިދާޅުވިއެވެ. އެ ހެކިތަކަކީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ދަށު ކޯޓުގެ އަޑުއެހުމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ ދިފާއީ ހެކިންގެ "ކްރެޑިބިލިޓީ" އާ ގުޅޭ ހެކިތަކެއްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގައި އަޑުއެހުންތައް އެކީ ނިންމާލާފައިވާ މި މައްސަލައިގައި އެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވީ، މިއީ އަޑުއެހުން ނިމިފައި އޮތް މައްސަލައެއް ނަމަވެސް މިއަދު އަޑުއެހުމެއް ބޭއްވީ އިތުރު ބައެއް ކަންކަން ސާފުކުރަން ކަމަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ އުންމީދުކުރައްވަނީ މި މައްސަލައިގައި ވީހާ ވެސް އަވަހަށް ގޮތެއް ނިންމަން ކަމަށެވެ.
ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި އެ މައްސަލައިގެ ބެންޗުގައި ކުރިން އިންނެވި ޑރ. އަޒްމިރާލްދާ ޒާހިރުގެ ބަދަލުގައި މިހާރު އެ ބެންޗުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަޒްމިރާލްދާވަނީ، ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖޫންއާއި ޑރ. މުހައްމަދު އިބްރާހީމެވެ.