
ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމުގެ ވެރިކަމުގައި އިތުރަށް ހުރުމަކީ ގައުމަށް ދެން ދެވޭނެ އެންމެ ބޮޑު ގެއްލުމުގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ސަރުކާރުގެ މަސްކުންފުނި (މިފްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ޑޮލަރު ވިއްކަމުން އައި އައުން މެދުކަނޑާލިކަން އަންގައި ބަޔާނެއް ނެރުމާ ގުޅިގެން ޑރ ޖަމީލު ވަނީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ޑރ ޖަމީލު ވިދާޅުވީ، ސަރުކާރުން ކިތަންމެ ބަހަނާއެއް ދެއްކި ނަމަވެސް، މި ސަރުކާރަށް ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް ނޭޅޭނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. ޚާއްސަކޮށް ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ ދިއުމަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ، މިއަދު ޑޮލަރެއްގެ އަގު ހުރީ 20.80 ރުފިޔާގައި ކަމަށެވެ.
ރައީސް މުއިއްޒަށް އަމާޒުކުރައްވައި ޖަމީލް އިތުރަށް ވިދާޅުވީ، އިގްތިސާދީ މި ނާޒުކު ދަނޑިވަޅުގައި ރައީސް މުއިއްޒަށް ކަންކަން އިސްލާހު ނުކުރެވޭނެކަން ސާފުވެފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމުގައި ހުރުމަކީ ގައުމަށް މިވަގުތު ދެވޭނެ އެންމެ ބޮޑު ގެއްލުންކަމަށް ވިދާޅުވެ ޑރ.ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒަށް ރައްޔިތުން ހަވާލުކުރި ޒިންމާ އަދާނުކުރެވުނު ކަމަށާ މާބޮޑަށް ލަސްނުވަނީސް ގެއަށް ވަޑައިގަންނަވަން ގޮވާލައްވާ ކަމަށެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށާއި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން ނުދާކަމުގެ ޝަކުވާ ބޮޑުވެފައިވެއެވެ.










