
ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާނެހެން ޚަރަދުތައް އިތުރުކުރމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލްތައް ފުރިބާރުވެ ދިމާވާ ތޮއް ޖެހުމުގެ މައްސަލައަށް ހައްލު ގެނެސްދޭން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައު އޮފީހެއް ހުޅުވުމުން އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޑރ ޖަމީލު ވިދާޅުވީ، އެ ފަދަ ކަންކަމަކީ، ކަނޑައެޅިގެން ރައްޔިތުންގެ މާލިއްޔަތަށް ގެއްލުންހުރި ބޭކާރު ޚަރަދު ކަމަށެވެ. އެއީ އިގްތިސޯދު މިހާ ނާޒުކު ވަގުތެއްގައި ޚަރަދު ކުޑަކުރުމުގެ ބަދަލުގައި އާއްމު ރައްޔިތުންނަށް ކުރެވޭ ޚިޔާނާތެއްގެ ސިފަކުރައްވާ ޑރ.ޖަމީލު ވިދާޅުވީ، ޑީޖިޓަލައިޒްކޮށް 2.0ގެ ބޭނުމަކީ ދެން ކޮބައިކަމާ މެދު ސުވާލު އުފެދޭ ކަމަށާޑިޖިޓަލް ރާއްޖެ އޮންނާނެ ގޮތަކީ އެއީ ތޯ ކަމަށެވެ.
އިތުރު އޮފީސްތަކާ އިތުރު މުވައްޒަފުންނާ، އިތުރު ބުރަ ބަޖެޓަށް ޖައްސާއިރު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޑިޖިޓަލް ކުރުމުން އޮފީސްތަކާ މުވައްޒަފުން މަދު ވަނީ ކަމަށާ ނަމަވެސް ރާއްޖޭގައި އެކަން ހިނގަނީ ދިމާ އިދިކޮޅަށް ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކަންކަން މިހާރު ތަރުތީބުވެ މިހިނގާ މަގުން ކަންކަން ދަތުރުކުރަނީ ނަމަ ވާރޭވެހޭ މޫސުމަށް ރައީސް މުއިއްޒު ދެން ގާއިމް ކުރާނީ ކުޑަ ވިއްކާ އޮފީހެއް ކަމާ މެދު ސުވާލުއުފައްދަވާ ޑރ ޖަމީލު ވިދާޅުވީ ބަޔަކު ނާގާބީލް ވާނީ މިހާކަންހާ މިންވަރަކަށް ކަމަށެވެ.










