މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް "މެންދުރު ޓީވީ"ގައި ވާހަކަ ދައްކަވަމުން އަރައިގެންފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ އާރުއޭސީއެލްގެ ކުރީގެ އެމްޑީ އަހުމަދު މުބީން އިސްވެ ހުރެ ހިންގާ ޓީވީ ސްޓޭޝަން "މެންދުރު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ ނާޒިމް ވަނީ ރައީސް ޔާމީނަށް 5 މިލިއަން ޑޮލަރެއް ވޮޝިންޓަން ބޭންކު މެދުވެރިކޮށް ލިބުނު ވާހަކައަކާ އަދި އެކަމާ ވޮޑެމުލާ މައްސަލައާ ގުޅުވާ ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައެވެ.
ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ އަބުރު ކަތިލުމަކީ ހަގީގަތުގައި އެއީ ކަމަށެވެ. އެގޮތުން ޑރ ޖަމީލު ވިދާޅުވީ، ވޮޑެމުލާ މުޅި މައްސަލަ ނިމި ރައީސް ޔާމީން އެކަމުން ބަރީއަވެ މައުސޫމް ބޭފުޅެއްކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމު ކޯޓުން ކަނޑައަޅާފައި އޮތް އިރު ސަރުކާރުން ސްޕޮންސަރ ދީގެން ހިންގާ ޓީވީ ސްޓޭޝަންއަކަށް އަރާ އިނދެ މީހުންގެ އަބުރު ބޭނުންހާ ގޮތަކަށް ކަތިލެވިގެން ނުވާނެ ކަމަށެވެ.
މުޅި މައްސަލަ ނިމުނުއިރުވެސް ތިއީއަކީ އަޅުގަޑު އެމަނިކުފާނުގެ ވަކީލެއްގެ ހައިސިއްޔަތުން ހުރި މީހާއަށް ވެސް ނޭނގޭ ވާހަކަތަކެއް، އަދި ކޯޓުގައިވެސް ދެއްކި ވާހަކަތަކެއް ނޫން ތިއީ އަކީ. އެހެންވީމަ ނާޒިމް ބޭނުންހާ ގޮތަކަށް ބޭނުންހާ ތަނަކަށް އަރާ އިނދެ ކައްކައިގެން ވާހަކަ ނުދެއްކޭނެ. ރައީސް ޔާމީން ތިކަމުގައި ގޮތެއް ކަނޑައަޅުއްވައިފިނަމަ ނާޒިމް ޖެހޭނެ ޖަވާބުދާރީވާން
ޑރ ޖަމީލު ވިދާޅުވި ނާޒިމް އެހެން މީހުންގެ އަބުރު ކަތިލަމުންދާއިރު ސްޓެލްކޯއިން ފެށިގެން ގޮސް ނާޒިމް ސަރުކާރުގެ ތެރޭގައި އުޅެފައި ހުރި ގޮތް ދަންނާނެ މީހންވެސް ތިބޭނެކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަމުގައި ދިވެހި ދިދައިން ކުރި ވައްކަން މަތިންވެސް ހަނދާން ހުންނަން ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ރައީސް ޔާމީންއާ ގުޅުވާ ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވާއިރު، އެފަދަ ވާހަކަތައް މީޑިޔާތައް މެދުވެރިކޮށް ދައްކައިފިނަމަ އެބްރޮޑްކާސްޓަރަކު ނުވަތަ ނޫހަކުން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނާޒިމްގެ ދެބެންގެ ދެދަރި ކޮއްކޯފުޅު، ރައީސް މުއިއްޒު ތަސްދީގު މީޑިޔާ އެންޑް ބްރޮޑްކާސްޓު ރެގިއުލޭޝަން ގާނޫނުގައިވާކަން ފާހަގަކޮށްލެވެއެވެ.