
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކަން އިސްލާހުގެ މަގުން ހިނގިޔަ ނުދޭނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކާ ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވޭނީ އިންޓަރނަލް އޮޑިޓު ހަރުދަނާ ކުރެވިގެން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެފައިވާ ވުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ސަރުކާރު ތެރޭގައި ކޮރަޕްޝަން އޮތްމިންވަރު ވެރިން ގަބޫލުކޮށްފިކަން ނައިބު ރައީސްގެ އެ ވާހަކަފުޅުން ހާމަވެއްޖެ ކަމަށެވެ. ނަމަވެސް ކަން ހިނގާނެ މަގަށް ބަލާއިރު އޮޑިޓު ހަދާ މީހާ ލާނީ ޖަލަށް ކަމަށާ އެވަރުން އޮޑިޓު ފުރިހަމައަށް ކުރާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު މިއޮތް ސަރުކާރަކީ ދިވެހި ތާރީޚު ދުށް އެންމެ ކޮރަޕްޓު ސަރުކާރު ކަމަށް ވިދާޅުވެ މަލީހު ވަނީ ބަލާލި ކޮންމެ ދިމާއަކުން މިހާރު ސަރުކާރު ތެރޭގައި ފެންނަން އޮތީ ހުސް ކޮރަޕްޝަންކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ މި ސަރުކާރަކީ ކަންކަން ހަމަ މަގުން ދަތުރުކުރަން ފުރުސަތު ދޭނެ ސަރުކާރެއް ނޫން ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.










