

އަހުމަދު ނާޒިމް މިއަދު މަގާމެއްގައި އެ ހުރީ ރައީސް އަބްދުﷲ ޔާމީން ކުރި ސިޔާސީ މަސައްކަތުން ގެނައި ވެރިކަމެއްގައި ކަމަށާ ގަޓު ހުރިއްޔާ އަމިއްލައަށް ވެރިކަމެއް ގެނެސް މަގާމެއް ހޯދުމަށް ވިދާޅުވެ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ޗެލެންޖުކުރައްވައިފިއެވެ.
ޗެނަލް13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ނާޒިމްއަކީ މަޖިލީހުގެ ނައިބު ރައީސް ނަމަވެސް ބޭނުންހާ ވާހަކައެއް ބޭނުންހާ ގޮތަށް ބޭނުންހާ ތާކު ނުދެއްކޭނެ ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ އަބުރަށް ހުތުރު ވާގޮތަށް ހުތުރ އަދި ސާބިތު ނުހިފޭ ވާހަކަތައް ދައްކާ އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު ނޭޅުވޭނެ ކަމަށާ އެކަންކަން މިއަދު ނުބެލުނަސް ބެލޭނެ ދުވަހެއް އަންނާނެކަން ނާޒިމް ހަނދާނުގައި ބަހައްޓަން ވެސް ޑރ ޖަމީލު ވަނީ ގޮވާލައްވާފައެވެ.
ނާޒިމްއަކި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް. ކިތަންމެ ރުޅިއަޔަސް ކިތަންމެ ހިތްހަމަ ނުޖެހުނަސް ރައީސް ޔާމީންއާ ގުޅޭގޮތުން ހައްދު ނައްޓާފައި ހުރި ވާހަކަތަކެއް ނުދެއްކޭނެ. ނާޒިމް ގަބޫލުކުރަން ޖެހޭނެ މި ސަރުކާރު އައީ ނާޒިމް މަސައްކަތެއް ކޮށްގެން ނޫންކަން. ނާޒިމްގެ ގަޓެއް ހުރިއްޔާ އިސްތިއުފާދީފައި އަމިއްލަ ހައިސިއްޔަތުން ވާދަކޮށްގެން ގޮނޑި ނަގާބަލަ. އޭރުން އަޅުގަޑު ބުނާނަން ނާޒިމްއަކީ މީހެއްގެ ފިރިހެން ދަރިއެކޭ. ނާޒިމް އައީ މިތަނަށް ސަލާން ޖަހާ މީހެއްގެ ގޮތުގައި. ރައީސް ޔާމީން ޖަލުގައި ހުންނަވައިގެން ކުރެއްވި ސިޔާސީ މަސައްކަތެއްގެ ފައިދާ ނަގައިގެން ހުރެގެން ނާޒިމްއަށް އައިއްސަ ގޮނޑި ނެގުނީ
ޑރ ޖަމީލު ވިދާޅުވި ނާޒިމް އެހެން މީހުންގެ އަބުރު ކަތިލަމުންދާއިރު ސްޓެލްކޯއިން ފެށިގެން ގޮސް ނާޒިމް ސަރުކާރުގެ ތެރޭގައި އުޅެފައި ހުރި ގޮތް ދަންނާނެ މީހންވެސް ތިބޭނެކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަމުގައި ދިވެހި ދިދައިން ކުރި ވައްކަން މަތިންވެސް ހަނދާން ހުންނަން ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ރައީސް ޔާމީންއާ ގުޅުވާ ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވާއިރު، އެފަދަ ވާހަކަތައް މީޑިޔާތައް މެދުވެރިކޮށް ދައްކައިފިނަމަ އެބްރޮޑްކާސްޓަރަކު ނުވަތަ ނޫހަކުން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނާޒިމްގެ ދެބެންގެ ދެދަރި ކޮއްކޯފުޅު، ރައީސް މުއިއްޒު ތަސްދީގު މީޑިޔާ އެންޑް ބްރޮޑްކާސްޓު ރެގިއުލޭޝަން ގާނޫނުގައިވާކަން ފާހަގަކޮށްލެވެއެވެ.