March 17, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ގައުމު އޮތް ހިސާބުން، ބަސްބުނެ ހެޔޮގޮތް ހޯދަން މަސައްކަތް ކުރުން ވާޖިބުވޭ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 3, 2025, 10:01 PM
މާލެ ސިޓީ

ގައުމު އޮތް ހިސާބުން، ބަސްބުނެ ހެޔޮގޮތް ހޯދަން މަސައްކަތް ކުރުން ވާޖިބުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާލް އިމްރާން ސޫރަތުގެ 104 އާޔަތް ނަކަލުކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ހެޔޮކަންތަކަށް ގޮވާ، އަމުރުކުރާ އަދި ނުބައި ކަންތައް ނަހީ ކުރާ ބަޔަކު މީހުން ތިބެންވާނެ ކަމަށެވެ.

ގައުމުގައި ކޮރަޕްޝަން އާންމު ވެއްޖެ ކަމަށާ ރައީސް މުހައްމަދު މުއިއްޒު އަބަދު ދޮގުހެދުމާ ވައުދާ ޚިލާފުވުން މަތީ ގާއިމްވެފައިވާކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަގާމުގެ ނާޖާއިޒު ފައިދާއިން ވެރިމީހާގެ ނުފޫޒު ހުރިހާ ދިމާއެއްގައި ގާއިމުވެފައިވާކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ބޭސްފަރުވާ، އާންމު ޟަރޫރަތްތައް ޙާލުގައި ޖެހިއްޖެ ކަމަށެވެ.

މަތި ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ޑޮލަރު 20 ރ. އަށް ވުރެ މަތިވެ ހުރިހާ ވިޔަފާރިވެރިން ގޮތް ހުސްވެއްޖެ ކަމަށާ ތަރައްގީގެ މަޝްރޫޢުތައް ހުއްޓިފައިވާކަން ވެސް ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރު ބޮޑުވެ މަތިބަރުވެ ރައްޔިތުންނަށް ތަކުލީފަކަށް ވެއްޖެކަން އިތުރަށް ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ދުސްތޫރީ އޮނިގަނޑު ގަޑުބަޑުކޮށް، އަސާސީ ޙައްގުތައް ސަރުކާރުން ރައްޔިތުންގެ ކިބައިން ނިގުޅައިގެންފި ކަމަށެވެ.

ރައްޔިތުންގެ ވެރިކަން ރައީސް މުއިއްޒު އަތަށް ނަގައިފި ކަމަށާ މިހިސާބަށް ކަންތައްދާއިރު މުސްލިމުންގެ ހައިސިއްޔަތުން ތެދުވެ، ބަސްބުނެ ހެޔޮގޮތް ހޯދަން މަސައްކަތް ކުރުން ވާޖިބުވާ ކަމަށް ޑރ ޖަމީލު ވަނީ ޕޯސްޓު ނިންމަވާލައްވަމުން ހަނދާން އައުކޮށްދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved