
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ މާނަ އޮތީ ކޮން ޅެންވެރިއެއްގެ ބަނޑުގައިތޯ އައްސަވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ މަޖާޒީ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ގައުމުގައި ތަފާތު ގިނަ މުޒާހަރާތައް ހިނގަމުން އަންނައިރު ސަރުކާރުން ދަނީ އެފަދަ އެއްވުންތަކާ ދެކޮޅަށް ދުރާލާ ރޭވުންތައް ރާވާ ހުރަސް އަޅަމުންނެވެ.
އެކަން ކަން ހިނގަމުންދާ މި ދަނޑިވަޅުގައި މަލީހު ވަނީ އެކްސްގައި މާނަ ފުން ޕޯސްޓެއް ކުރައްވާފައެވެ.
އެގޮތުން ގާނޫނު އަސާސީގެ 32 ވަނަ މާއްދާ (އެއްވެ އުޅުމުގެ މިނިވަން) ނަކަލު ކުރައްވާ މަލީހު ވަނީ އެ މާއްދާއަކީ މިއަދު ރާއްޖޭގައި ސަރުކާރުން އަމަލުކުރާ މާއްދާއެއްތޯ ސުވާލެއް ކުރައްވާފައެވެ.
ހަމައެހެންމެ އެއީ ގާނޫނު އަސާސީއިން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު އެ ހައްގު ނިގުޅައި ގަނެވޭނެ އެކަކުވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.










